އެމްޑީޕީ

ސައި ބުއިމުގެ ނަމުގައި އެއްވުމުން ގެއަށް ފޮނުވާލައިފި

"ކުއްލި ސައި" ގެ ނަމުގައި މިއަދު ހަވީރު އެމްޑީޕީން، އެ ޕާޓީގެ ރުގޭގައި ސައި ތައްޔާރުކޮށް އެތަނަށް އެއްވުމުން އެތަނަށް ދިޔަ މީހުން ފަހަތަށް ޖައްސައި ގެއަށް ފޮނުވާލައިފި އެވެ.

އެމްޑީޕީން މި ހަރަކާތް ބޮޑުތަުރުފާނު މަގަށްވާ ގޮތަށް ހަދާފައިވާ އެ ޕާޓީގެ ހަރުގޭގައި ބޭއްވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް އަސާސީ ހައްގުތައް ހިފަަހައްޓާފައި ވަނިކޮށެވެ.

ހަރުގޭގައި ސައި ބުއިމެއް ބާއްވަން އެޕާޓީން އިއުލާން ކުރީ ރޭގަ އެވެ. އަދި މިއަދު ހަވީރު 4:00 އެހާ ކަންހާ އިރު ވަނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މީހުން އާޓިފިޝަލް ބީޗު ހަރުގެ ސަރަހައްދަށް ޖަމާވެފަ އެވެ. ނަމަވެސް އޭގެ ކުރިން މެންދުރު ފަހުން ފުލުހުން ވަނީ އެ ސަރަހައްދުގައި ޗެކްޕޯސްޓެއް ގާއިމްކޮށް އެ ސަރަހައްދުގައި ފޯރިމަރަން ފަށާފަ އެވެ.

އެމްޑީޕީގެ މެންބަރު ހަވީރު ހަރުގެ ސަރަހައްދަށް އެއްވެ ސިޔާސީ ލަވަ ޖަހަން ފެށުމާއެކު ފުލުހުން ވަނީ އެއްވި މީހުން ފަހަތަށް ޖައްސަން ފަށާފައެވެ ނަމަވެސް އެހިސާބު ހަލަބޮލިވެ މީހުންތަށް ތޮއްޖެހުމުގެ ސަބަބުން އާދައިގެ ފުލުހުންނާއި އެސްއޯ ފުލުހުން ވެގެން ވަނީ އެ ސަރަހައްދުން މީހުން ހުސްކޮށް ފޮނުވާލާފައެވެ. އެ މަސައްކަތް ފުލުހުން ކުރި އިރު ތިން މީހަކު ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ އެވެ.

ފުލުހުން ބުނީ އެމްޑީޕީއިން ބޭއްވި އެއްވުން ރޫޅުމުގެ ތެރޭގައި ވެހިކަލް ތަކަށް އަރުވައިގެން ގެންދިޔަ މީހުން ދުރު ހިސާބަކުން ދޫކޮށްލާފައިވާނެ ކަމަށެވެ.

މިއަދަކީ އެމްޑީޕީގެ ބޮޑުމުޒާހަރާއަކަށް ތައްޔާރުވަމުން އައި ދުވަހެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެ ޕާޓީއިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމާފައި ވަނީ މިއަދު މުޒާހަރާ ނުބޭއްވުމަށެވެ.