މޯލްޑިވްސް ޕޮލިސް ސާވިސް

ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާތަކެއް އަތުލި މީހަކު ހޯދަނީ

Apr 18, 2021

ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ ފިލައިގެން އުޅޭ ކަމަށް ތުހުމަތުވާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ މއ. ހަނީސަކްލް1، ހުސައިން ޝިފާއު އެވެ.

ފުލުހުން ބުނީ ޝިފާއު ހޯދަނީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ ފިލައިގެން އުޅޭ ކަމަށް ތުހުމަތުވި މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. ނަމަވެސް އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހާޒިރުކުރާ ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން ޝިފާއުއަށް އަންގާފައި ވަނީ މިއަހަރުގެ ޖުލައި 10 ވަނަ ދުވަހަށެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށް ފަހު، ޑޮލަރު ނުދީ ފިލައިގެން އުޅޭ މީހުންގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖިނާއީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ 27 ވަނަ މާއްދާގައި ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހުނަށް ޗިޓް ރައްދު ނުކުރެވޭނަމަ އާންމުކޮށް އިއުލާން ކޮށްގެން އެމީހަކު ތަހުގީގަށް ހާޒިރުވާން އެންގުމުގެ ބާރު އޮވެ އެވެ.