އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީ: ސިއްސައިގެން ދާވަރުގެ ޖަރީމާތަކެއްގައި!

Nov 9, 2015
21
  • ނުވަ ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ގެއްލިފައިވޭ
  • ކަޅުފައިސާ ދޮވުމުގައި ބައިވެރިވެފައިވޭ
  • ރައީސްއަށް ދިން ހަމަލާއަށް ވެސް ފައިނޭންސް ކުރި

ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ ހަތަރު ބިތަށް ފަތުރައިލަން އުފެއްދި ކުންފުނި، އެމްއެމްޕީއާރްސީ އާ މެދު މިކުރެވެނީ އާދައިގެ ތުހުމަތު ތަކެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްކޮޅުގައި ދިން ބޮމުގެ ހަމަލާއާ ކޮންމެވެސް ހިސާބަކުން އައިސް އެ ކުންފުންޏާ ވަނީ ގުޅިފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ނޭޝަނަލް އިންކްއަރީ ކޮމިޝަންގެ ކޯ ޗެއާ، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތުގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ އާއި އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން ބަލާ މައްސަލައަކީ، ހަމަ "އެއް މައްސަލަ" އެކެވެ. އެމްއެމްޕީއާރްސީގެ ތެރެއަށް ސަލާމަތީ ބާރުތަކުން ވަދެ، ހަފްތާއެއް ވަންދެން އެ ކުންފުނި އެ ފުށްމިފުށަށް ޖަހަން ޖެހުނީ ވެސް އެ ކުންފުންޏާ މެދު ކުރެވޭ ތުހުމަތުތަކެއްގެ ބޮޑު ކަމުންނެވެ. ރާއްޖޭގެ މޫނު ބަލާ ލޯގަނޑުގެ ގޮތުގައި އޮތް އެމްއެމްޕީއާރްސީއަށް، ޓެރަރިޒަމްގެ ބޮޑު ތުހުމަތުތަކެއް ކުރަން ވަކި ސަރުކާރަކަށް ފަސޭހައެއް ވެސް ނުވާނެ އެވެ. ހަމައެކަނި ވާހަކަތަކެއްގެ ތެރެއަށް މިވަރުގެ މުހިންމު ކުންފުންޏެއް ގަންބާލެފާނެ ކަމަކަށް ނުފެނެ އެވެ.

އެތަން ހިންގުމަށް ހުރި، މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ޑެޕިއުޓީ އެމްޑީ އަހުމަދު އަސީލް ވެސް މި ވަނީ އެ މައްސަލައިގައި ގޮޅިއަކަށް ފެތިފަ އެވެ. ފުލުހުން ދަނީ އަސީލް ފަހާ ދުވަމުންނެވެ. ޒިޔަތަށް ހުންނަނީ ޖެހުނީ އެ ތަހުގީގުގައި ސުވާލު ކުރުމަށް ދޫނިދޫގެ ކުޑަގޮޅީގަ އެވެ. ލިބިފައި ހުރި އިތުބާރު މައުލޫމާތުތަކަށް ބަލާއިރު އެމްއެމްޕީއާރްސީގެ ބިތުފަންގި ނެގުމުން މި ފެންނަނީ ސިއްސައިގެންދާވަރުގެ ސީރިއަސް ބޮޑެތި މައްސަލަތަކެކެވެ.

އެމްއެމްޕީއާރުސީއަށް ކޮން ތުހުމަތުތަކެއް؟

ރައީސްގެ ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު މައުލޫމާތުތައް ތިލަވަމުން އަންނަނީ ވަރަށް މަދުންނެވެ. ލޯންޗްގައި ދިން ހަމަލާގެ ދުވަސްކޮޅެއް ކުރިން އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ބަޑިބޭސް ކޮންޓައިނަރެއް އެތެރެކުރި މައްސަލަ އާއި އެ ކުންފުނިން ނާޖާއިޒު ހަރަދުތަކެއް ކުރި ކަމަށް ކުރެވޭ ތުުހުމަތު ނޫނީ އެހެން ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގު އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެ ތިން ދާއިރާއަކީ:

  • ރައީސްއަށް ހަމަލާދިނުމަށް ފައިނޭންސް ކުރުން
  • އެމްއެމްޕީއާރްސީން ކުއްޔަން ދިން ފަޅު ރަށްތަކުގެ ފައިސާ ދައުލަތަށް ނުލިބުން
  • މަނީ ލޯންޑްރިންގެ ހަރަކާތްތަކުގައި ބައިވެރިވުން

ރާއްޖެ ޕްރޮމޯޓް ކުރަން އޮތް ކުންފުންޏެއްގެ މައްޗަށް މިކަހަލަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކުރެވުމަކީ އަދި އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގެ ޓްރެވަލް އެންޑް ޓޫރިޒަމް ޖަމާއަތްތަކާ ކޮންމެ ދުވަހަކު އެތައް މުއާމަލާތްތަކެއް ހިންގަމުން އަންނަ މިފަދަ ކުންފުންޏަކުން މިވަރުގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ނަމަ، މިއީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެތަނަށް ވަންނަން ޖެހޭ ފައިސާތައް ކުންފުނީގެ އެކައުންޓަށް ނުވަދެ، ނޫނީ ވަނުމަށް ފަހު ވެސް އެކި ނަންނަމުގައި އެކި ކުންފުނިތަކުގެ އެކައުންޓްތަކަށް ވަދެ، ރޯލް ކުރުމުގެ ސަގާފަތެއް އޮތުމަކީ ކުންފުނީގެ މެންޑޭޓްގެ ބޭރުން ބޮޑު ކަންތައްގަނޑެއް ހިންގާފައިވާ ކަމަށް ޝައްކު ކުރުމުގެ ޖާގަ އެބަ އޮތެވެ.

"ކުންފުނީގެ ފައިސާގެ ކަންކަން ހުރި ގޮތް ބަލައިލުމުން އެންމެ ކުޑަކުއްޖާއަށް ވެސް އިނގޭނެ މީގައި ނުބައެއް ހުރިކަން. ދެން އޭގެ އަޑިއަށް ފީނީމައި މި ފެންނަނީ ސިއްސައިގެން ދާވަރުގެ ބޮޑެތި ކަންކަން. ބޮޑެތި ޖަރީމާތައް ހިންގުމުގެ މައި ތަނެއްގެ ގޮތުގައި އެތަން މި ފެނުނީ،" ތަހުގީގެ މައުލޫމާތު އެނގި ހުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ކިތައް ރަށް ވިއްކި؟ ފައިސާއަށް ވީކިހިނެތް؟

އެމްއެމްޕީއާރްސީ އަކީ ރާއްޖެ ދުނިޔޭގައި މާކެޓް ކުރުމުގެ މެންޑޭޓް އޮތް ކުންފުންޏެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ ކުންފުނި ބަދަލުވީ އެ މަސައްކަތަށް ވުރެ ބޮޑަށް ރިސޯޓް ހަދަން ރަށްތައް ދޫކުރާ ކުންފުންޏަކަށެވެ. ޓޫރިޒަމް މިނިސްޓްރީ އިން ހިންގަމުން އައި އެ މަސައްކަތުގެ މިސްރާބު އޮތީ ދާދި މިދާކަށް ދުވަހާ ހަމަޔަށް އެމްއެމްޕީއާރްސީއަށް ބަދަލު ކޮށްލާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ގާތްގަނޑަކަށް 100 ވަރަކަށް ރަށް އެ ކުންފުނިން އެކި ފަރާތްތަކަށް ޕްރޮޕޯސަލެއް ނެތި އަދި ދުރާލައި އިއުލާން ނުކޮށް ދޫކޮށްފައިވާ އިރު، ދައުލަތަށް ނޫނީ އެ ކުންފުންޏަށް ފައިސާ ލިބިފައި އޮތީ އެންމެ 30 ވަރަކަށް ރަށަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދެން ހުރި ރަށްތަކުން ލިބުނު ފައިސާގެ ތެރެއިން ވެސް ބޮޑު ބަޔަކަށް ވީއެއް ނުވީއެއް ވެސް ނޭނގެ އެވެ. އަދި ފައިސާ ލިބުނު 30 ރަށުން ވެސް އެ ކުންފުނީގެ ބަޖެޓަށް ވަތް ފައިސާގެ އަދަދުތަކާ މެދުވެސް ބޮޑެތި ސުވާލުތަކެއްގެ ކުރި ތަހުގީގުގެ ތެރެއިން ވެސް ވަނީ ކުރިފަޅައިފަ އެވެ.

"ބޮޑެތި ރަށްތައް ކުއްޔަށް ދީފައި ގަބޫލު ނުކުރެވޭހާ ވަރަށް ކުޑަ އަދަދުތަކުން ވެސް އެބަ ހުރި އެމްއެމްޕީއާރުސީއަށް ފައިސާ ލިބިފައި. އަނެއްކާ ބައެއް ފައިސާ ލިބިފައި އެ ފައިސާ އެބަހުރި އެކި އެކައުންޓްތަކަށް ވައްދާ ރޯލްކޮށްފައި ދެން އެއަށް ވީ ގޮތް ނޭނގިފައި. ގިނަ ފައިސާގެ މުއާމަލާތްތަކުގައި ބޮޑެތި ޝައްކުތަކެއް ހުރި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާ ގިނަ ރަށްތައް ކުއްޔަށް ދީގެން ދައުލަތަށް އެންމެ ފައިސާއެއް ވެސް ނުލިބި ހުރުމުގެ ކަންބޮޑުވުން އޮތް އިރު، އެ ކުންފުނީގެ ފައިސާގެ މުއާމަލާތްތައް ހުރީ މަނީލޯންޑްރިން އަށް ޝައްކުވާ ގޮތަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެމްއެމްޕީއާރސީ ކަހަލަ ކުންފުންޏަކުން ފައިސާގެ މުއާމަލާތްތައް ކުރަން ނުޖެހޭ ބައެއް ކުންފުނިތަކާ އެކު އެ ކުންފުނިން ވަނީ ފައިސާގެ ބޮޑެތި މުއާމަލާތްތައް ހިންގައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގައި ހުރި ކުންފުނިތައް ހިމެނެ އެވެ. މީގެ އިތުރުން އެއް ޝެއާހޯލްޑަރުންތަކެއް ތިބި، ބައެއް ޕޭޕާ ކުންފުނިތަކާ އެކުވެސް އެތައް މިލިއަން ޑޮލަރެއްގެ މުއާމަލާތް އެ ކުންފުނިން ހިންގާފައިވާކަން އޭނާ ކަށަވަރުކޮށްދިނެވެ.

"މި މުއާމަލާތްތައް މި ހުރީ ޓްރޭޒްވެސް ނުކުރެވޭ ވަރެއްގައި. ބައެއް މުއާމަލާތްތައް ނުވެސް ކުރެވޭނެ. އެކަމަކު އެމްއެމްޕީއާރްސީގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ކުރެވުނު ގޮތުގެ ބޮޑު މަންޒަރެއް އޮޑިޓްތަކުން ފެންނާނެ. އެމްއެމްޕީއާރުސީ މި ހުރީ ވަރަށް ބޮޑަށް ޖަރީމާތަކެއްގައި ބައިވެރިވެފައި. އެކަމަކު މިއީ ޓޫރިޒަމް ޕްރޮމޯޓް ކުރާ ކުންފުންޏަކުން ކޮށްގެން ނުވާނެ ކަންތައްތައް،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ އިން ވެސް އަދި ސަރުކާރުން ވެސް މިކަމުގައި އެއްޗެއް އަދި ބުނަން ބޭނުން ނުވާ އިރު އެމްއެމްޕީއާރްސީގެ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ހައްޔަރުގައި ހުރި ޒިޔަތު އަދިވެސް އެއްވެސް މިންވަރަކަށް ފުލުހުންނަށް ޖަވާބު ދީފައި ނުވާކަން ކަށަވަރެވެ. އެކަމަކު ފުލުހުން ވެސް އޭގެ މައުލޫމާތު ހާމަ ކުރަން ބޭނުން ނުވާ އިރު ޒިޔަތު ވެސް ހަނު ހުންނަނީ ކަންތައްތަކެއް ފޮރުވަން ކަމަށް ބެލެެވެ އެވެ. އެހެން ނޫން ނަމަ، އޭނާ މަގާމެއްގައި ހުރެ އުފުލި ޒިންމާތަކުގެ މައުލޫމާތު ހަމަ ފުލުހުންނާ ހިއްސާ ކުރުމަށް ދެކޮޅު ހަދަންވީ ސަބަބެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ.

ކުންފުނީގެ ތެރެއިން ޓެރަރިޒަމަށް ފައިނޭންސް ކުރި

އެމްއެމްޕީއާރްސީގެ ފައިސާގެ މުއާމަލާތްތަކަށް ފުލުހުން ފާރަލާން ޖެހުނީ ވެސް ރައީސްއަށް ދިން ހަމަލާއަށް ފަހު ފުލުހުން ކުރަން ފެށި ތަހުގީގު ތެރެއިން ކަންތައްތަކެއް ފެނިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ތަހުގީގު އަޑިއަށް އިތުރަށް ފީނައި ބިތު ފަންގި ނެގުމުން ދެން މި ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. އެ ކުންފުނިން ރަށްތައް ކުއްޔަށް ދީ ލިބޭ ފައިސާއިން މަނީލޯންޑްރިންގެ ހަރަކާތްތަކެއްގެ ތެރެއަށް ވަދެފައިވާ ކަމަށް ޝައްކު ވުމެވެ. އެތައް ބިލިއަން ރުފިޔާއެއް ކުންފުންޏަށް ގެއްލިފައިވުމެވެ. ސުވާލަކީ ކުންފުނީގެ އެކައުންޓުން ބޭރުވެ ފައިސާތަކެއް ކަމާ ނުބެހޭ ދިމާތަކަށް މި ދަނީ ކީއްކުރަން ހެއްޔެވެ؟ މިއީ ފުލުހުންގެ ތަހުގީގުގައި ވެސް އޮތް ބޮޑު ސުވާލެކެވެ.

ތަހުގީގުގެ މައުލޫމާތު އެނގި ހުރި ސަރުކާރުގެ އޮފިޝަލް އަވަސް އަށް ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެމްއެމްޕީއާރްސީ އިން ގެއްލިގެން އުޅޭ ފައިސާތަކުގެ ބައެއް މާފިޔާ ޖަމްއިއްޔާތަކާ ގުޅުން ހުރި ފަރާތްތަކެއްގެ އަތަށް ވަނީ ގޮސްފަ އެވެ. އަދި ރާއްޖޭގެ ބައެއް ގޭންގްތަކުގެ އެންމެ އަޑިއާ ގުޅުން އޮންނަ ކަމަށް ޝައްކު ކުރާ ބައެއް މީހުންނާ ހިސާބަށް އެމްއެމްޕީާރްސީގެ ތެރެއިން ވަނީ ފައިސާތަކެއް ފޯރައިފަ އެވެ. އަދި މީގެ އިތުރަށް އެމްއެމްޕީއާރްސީގެ މެންޑޭޭޓްގައި ނުހިމެނޭ ބަޑިބޭސް އެތެރެ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވެސް އެ ކުންފުނި ގޮސްފައި އޮތުމުން ދުނިޔޭގައި ހަތިޔާރާއި ގޮވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކުންފުނިތަކާ އެކު ވެސް އެ ކުންފުނީގެ މުއާމަލާތަކެއް ހިންގާފައި ހުރި ކަމުގެ ބައެއް ހެކިތައް ފުލުހުންނަށް ފެނިފައި ހުރި ކަމަށް ދައްކަ އެވެ. ރާއްޖޭގެ މޫނު މަތި ރީތިކުރަން އުފެއްދި ކުންފުނިން މިއޮތީ ގައިން ހީބިހި ނަގައިގެންދާ ވަރުގެ ޖަރީމާ ހިންގައިފި އެވެ.

"އެ ކުންފުނިން މި ހިންގާފައި ހުރި ކަންކަން މޫލާފައި ހުރީ ވަރަށް ދުރަށް. ނުރައްކާތެރި ހިސާބަކަށް. އެ ކަންކަން ބަލަން ވަގުތު ވެސް ނަގާނެ. ކަންބޮޑުވާ ދަރަޖައިގެ ޖަރީމާތަކެއް އެ ކުންފުނިން ހިންގާފައި މި ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސްއަށް ދިން ހަމަލާއާ ގުޅެނީ ކިހިނެތް؟

ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގައި ގޮވާތަކެތި އުފައްދާ، އާރުޑީއެސް ކިޔާ މާއްދާއެއް ބޭނުންކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ. ތަހުގީގުތައް މިހާތަނަށް ގޮސްފައި ހުރި ހިސާބަށް ބަލާއިރު، އެމްއެމްޕީއާރްސީ އިން އެތެރެ ކުރި ހަވާ ޝިޕްމަންޓްގައި ހުރި ބައެއް ތަކެތި ބޭނުންކޮށްގެން ރައީސްއަށް ދިން ހަމަލާ ރޭވި ކަމަށް ފުލުހުން އަންނަނީ ޝައްކު ކުރަމުންނެވެ. އެ ހަވާ ޝިޕްމަންޓް އެތެރެ ކޮށްފައި ވަނީ ސީދާ އެމްއެމްޕީއާރްސީގ ބަޖެޓުން ހަރަދުކޮށްގެންނެވެ. އަދި އެ ޝިޕްމަންޓް ކްލިއާ ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ތަހުގީގަށް ވެސް އޮތީ އެނގިފަ އެވެ. މި ހަމަލާ ރޭވުމުގައި ވެސް އެމްއެމްޕީއާރްސީގެ ދައުރު މި އޮތީ ބޮޑުކަން ހާމަވެފަ އެވެ. ރާއްޖޭގައި ހިނގި އެހެން ޖަރީމާތަކަށާއި ގޭންގްތަކަށާއި ސިޔާސީ އެކި ހަރަކާތްތަކަށް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާކަން ޔަގީނާ ގާތަށް މި އޮތީ ހާމަވާށެވެ. 

"ސިފައިންނާއި ފުލުހުންނަށް އެއީ ހަމަލާއެއްކަން ޔަގީން ވުމުން ދެން ބެލީ ގޮވާތަކެތި އެތެރެ ކޮށްފައި ހުރިތޯ! ބެލިއިރު މި އޮތީ އެމްއެމްޕީއާރްސީ އިން އެކަން ކޮށްފައި. ދެން ބެލިއިރު އެ ކުންފުނިން މި އޮތީ އެކަން ކޮށްފައި ވަރަށް ޝައްކު ކުރެވޭ ގޮތަކަށް. މިއީ އެ ގޮވުމާ އެމްއެމްޕީއާރްސީއާ ގުޅުން ހުރި ގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސްއަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ބަލައި ހައްޔަރު ކުރި ސިފައިންގެ މީހުންގެ ތެރޭގައި ވެސް ހަވާ އެރުވުމުގެ ކަންކަން ބަލަހައްޓާ ސިފައިންގެ މީހާ ހިމެނެ އެވެ. ހަވާ އެރުވުމުގެ ކަންކަން ފަހުގެ ތާރީހެއްގައި ކޮށްފައި ހުރީ ވެސް އެމްއެމްޕީއާރްސީ އިން އެތަކެތި ރާއްޖެއަށް އެތެރެކޮށްގެންނެވެ. އަދި އެ ހަމަލާޔާ ގުޅުން ހުރި ކަމަށް ބެލެވޭ ހަތިޔާރުތައް ބ. ހިބަޅިދޫ އިން އަތުލުއިރު އޭގެ ތެރޭގައި ހަވާ އެރުވުމަށް ބޭނުން ކުރާ ބައެއް އާލާތްތަކާއި އޭގެ ނަރުތަކެއް ވެސް ފެނިފައިވެ އެވެ.

ޒިންމާވާން ޖެހެނީ ކާކު؟

އެމްއެމްޕީއާރްސީގެ ތެރެއިން ޖަރީމާތަކެއް ހިންގާ ކަމަށް އެންމެ ފުރަތަމަ ފަޅާ އަރުވާލީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އެވެ. ކޮންމެ ނިޔަތެއްގައި އެބޭފުޅާ އެކަން ކުރެއްވި ނަމަވެސް އޭގައި އެ އޮތީ ހަގީގަތުގައި ވެސް ހިނގާފައި އޮތް 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ އެކެވެ. ކުރީގެ ނައިބު ރައީސް، އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަދީބު ވެސް އެ ފައިސާ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ، އެމްޕީއެލް އިން ނަގައި އޭނާގެ މަސްލަހަތު ހުރި ކުންފުނިތަކަކަށް ދިން ކަމަށް އެ މައްސަލައިގައި އެބޭފުޅާ ދެއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވި އެވެ. އެއީ ދައުލަތަށް ފައިދާ ހުރި ކަމެއްގެ ގޮތުގައި ވިސްނައި ދިނުމަށް އުޅުއްވި ނަމަވެސް، ހަގީގަތަކީ އެ މުއާމަލާތަކީ ހަމަ ސީދާ މާލީ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ. އެކަމަކު އެފަހަރު ހަނި ގޮތަކަށް ނަމަވެސް އެޖަރީމާގެ އަޑީގައި ތިބި މީހުން ސަލާމަތްވި އެވެ. އެކަމަށް އަޅައި ނުލުމުގެ ނަތީޖާ މިފެނުނީ ވަރަށް ހިތިކޮށެވެ.

އެމްއެމްޕީއާރްސީ އަކީ ޓޫރިޒަމްގެ ދަށުގައި އޮތް ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ އެމްޑީއަކަށް ހުރީ ކުރީގެ ނައިބު ރައީސް އަދި ޓްއަރިޒަމް މިނިސްޓްރީ ވެސް ބެލެހެއްޓެވި އަދީބުގެ ގާތް ރަހުމަތްތެރި އެކެވެ. އެހެން ވީމާ އަދީބުގެ ކޮމާންޑެއް ނެތި ހަގީގަތުގައި މި ހުރިހާ ޖަރީމާއެއް ހިނގާފާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެންމެ ފުރަތަމަ ފަޅާ އެރި މައްސަލައިގައި ވެސް ފައިސާ ގޮސްފައި އޮތީ އަދީބުގެ މަސްލަހަތު އޮންނަ ކުންފުނިތަކަކަށެވެ. އެހެން ވީމާ މި ފެންނަ ބޮޑު މަންޒަރުގައި ވެސް ފައިސާގެ ނާޖާއިޒު މުއާމަލާތްތައް އަދީބުގެ ކޮމާންޑަށް ނޫން ގޮތަކަށް ހިނގާފާނެ ކަމަށް ބުނަން ވެސް ދައްޗެވެ.

އެހެން ވީމާ އެމްޑީ ޒިޔަތުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަދީބު ވެސް މިކަމުގައި ހަމަ އެއް ވަރަކަށް ޒިންމާވެ ވަޑައިގަންނަވަން ޖެހެ އެވެ.

ދެން އޮތީ މިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ޒިންމާ އެވެ. އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ނާޖާއިޒު ކަންތައްތަކެއް އެއްފަހަރު ފަޅާ އެރުމުން ވެސް ރައީސް އެކަން މާ ކުޑަކަމެއްގެ ގޮތުގައި ބަލައި ދޫކޮށްލެވުމަކީ މައްސަަލަ އެކެވެ. އެމްއެމްޕީއާރްސީގެ ޖަރީމާގެ ތެރެއިން ދައުލަތަށް ލިބުނު ގެއްލުންތައް އިއާދަވެސް ނުކުރެވޭހާބޮޑެވެ. އެހެން ވީމާ ދެން މިކަހަލަ ކަމެއް ނުވާނެ ގޮތަށް ފިޔަވަޅު އެޅުމުގެ ތެރެއިން ރައީސްގެ ޒިންމާ އެބަ އޮތެވެ. ނަޒާހަތް ތެރިކަން މިހާބޮޑަށް ހިފަހައްޓަން ޖެހޭ ކުންފުންޏެއްގެ މައްޗަށް ދުނިޔޭގެ ފެންވަރުގެ ޖަރީމާތަކެއްގެ ހާއްޔަކަށް ވީމާ، ރައީސް މިޖެހެނީ ވަގުތުން ފިޔަވަޅު އަޅާށެވެ. އެހެން ނޫން ނަމަ ދުނިޔެއަށް ރާއްޖެ އިސްތިހާރު ކުރަން ހެދި ކުންފުނީގެ ސަބަބުން މުޅި ގައުމުގެ އަގު ދުނިޔޭގައި ސުމަކަށް ހިނގައިދާނެ އެވެ.