ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން ފަރުވާ ދެމުންދަނިކޮށް މަރުވި ގއ. މާމެންދޫ ސަލްމާ ނަސީރަށް ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ ވިހެއުމާ ގުޅިގެން ދިމާވި ކޮމްޕްލިކޭޝަން އެއްގައި ނިޔާވި ސަލްމާ ނަސީރުގެ ގަޔަށް ލޭ އެޅުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އެ ހޮސްޕިޓަލަށް ކުރެވުމާއި ގުޅިގެން އެ ތުހުމަތުތަކަށް ޖަވާބުދީ ނެރެފައިވާ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސަލްމާ، އެ ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން މީހުންނެކޭ އެއްގޮތަށް ކަމަށާ އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާއި އެއްގޮތަށް ކަަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭ އަންނަ ވަަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަކުރެވިގެން އެކަމާއި ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށާ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"..މި ގޮތުން ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލަޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށް ދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސްފައިވާނެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލްނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންވާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ވަނީ ފަށާފައި،"
އެ ހޮސްޕިޓަލުން ބުނީ ސަލްމާގެ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތުންވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔަ ކަމަށާ އެކަމާއި ގުޅިގެން ސީޕީއާރު ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވީ ކަމަށެވެ.
"ސަލްމާގެ ފަރުވާ ކުރިއަށް ދިޔައިރު ހާލަތާއި ގުޅޭ މައުލޫމާތާއި ދެވެމުންދާ ފަރުވާގެ މައުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކޮށްފައިވާނެ. މި ހޮސްޕިޓަލްގައި ސަލްމާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ. އަދި މި ކޭސް ރިވިއު ކުރުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ކިއުއައިޑީން ބޭނުންވި ހުރިހާ މައުލޫމާތާއި އެއްބާރުލުން މި ހޮސްޕިޓަލުން ވާނީ ދީފައި،" އޭޑީކޭގެ ބަޔާނުގައިވެއެވެ.
އޭޑީކޭގެ ބަޔާނުގައި ބުނެފައިވަނީ ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދު ޒަމާނީ ބޭސްވެރިކަމުގެ ސަބަބުން ރާއްޖޭގައި ވަރަށް ބޮޑަށް ދަށް ކުރެވިފައިވީނަމަވެސް މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ކާމިޔާނު ނުވުމަކީ ބައެއް ހާލަތްތަކުގައި ވާ ކަމެއް ކަމަށެވެ.
އެ ހޮސްޕިޓަލުން ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް ކެނޑިނޭޅީ ކުރަމުންދާ ކަމުގެ ޔަގީންކަން ދީފައެވެ.