ހޯސޭ މޮރީނިއޯ

"ޗެލްސީ ކުޅޭއިރު އަހަރެން އިންނާނީ އައިޕެޑް ހިފައިގެން މަގުމަތީގައި"

ސްޓޯކް ސިޓީއާ ދެކޮޅަށް އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ޗެލްސީ ކުޅޭއިރު އޭނާ އިންނާނީ އައިޕެޑް ހިފައިގެން މަގުމަތީގައި ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޓޭޑިއަމަށް ވެސް ނުވަދެވޭ ގޮތަށް މި މެޗަށް އޭނާ ސަސްޕެންޑްކޮށްފައި ހުރުމުންނެވެ.

"އަހަރެންނަށް ޑިސިޝަން ނުނެގޭނެއިރު ކީއްކުރަން އަހަރެން މެޗު ބަލަންވީ. އަހަރެން އިންނާނީ އައިޕެޑް ހިފައިގެން މަގުމަތީގައި،" ރެފްރީންނަށް އެކި ފަހަރުތަކުގެ މަތިން ފާޑުކިއުމުން އިނގިރޭސި އެފްއޭއިން ސަސްޕެންޑްކޮށްފައިވާ ކޯޗު ބުންޏެވެ.

އޭނާ ބުނީ މެޗުގެ ހަބަރުތައް އޭނާ ބަލާނީ ލައިވް ސްކޯޑޮޓްކޮމް ނުވަތަ ޓުވިޓާއިން ކަމަށެވެ. އަދި ސްޓޯކް ސިޓީގެ ދަނޑަށް އޭނާ ޓީމާއެކު ދާނެ ކަމަށާއި "ކޮންމެވެސް މީހަކު އަހަރެން ހުއްޓުވަންދެން ޓީމާއެކު ހުންނާނަން،" ކަމަށެވެ.

މި މެޗަށް ޗެލްސީ ނުކުންނައިރު މޮރީނިއޯ ބުނީ އޭނާގެ އެސިސްޓެންޓް ކޯޗުންނަށް މެޗުގައި ކަންތައްތައް ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ބުނެދީފައިވާނެ ކަމަށެވެ.

"އެންމެ ގޯސް ސިނާރިއޯ އަކަށްވާނީ ފުރަތަމަ ހާފުގައި 4-0އިން ބަލިވެފައިވުމުން. އެހާލަތުގައި ކަންކުރަންވީ އޮތް އޮންނާނީ ނިންމާފައި،" މޮރީނިއޯ ބުންޏެވެ.

މި މެޗަށް ޗެލްސީ ނުކުންނައިރު އެ ޓީމު އޮތީ 11 ޕޮއިންޓާއެކު ޓޭބަބަލުގެ 15 ވަނާގަ އެވެ. ސްޓޯކް ސިޓީ އޮތީ 13 ޕޮއިންޓާއެކު 14 ވަނާގަ އެވެ.