ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްކަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތައް ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލު ކުރަން ފުލުހުން ފުރުސަތެއް ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް ވިދާޅުވީ އަދީބާ ބައްދަލު ކުރަން އިއްޔެ އެކިފަހަރު މަތިން އެދިފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ނުލިބުނު ކަމަށެވެ.
"އެކަމާ ބެހޭ މީހާއަށް އަޅުގަނޑު ގުޅާ ގުޅާ ފޯނެއް ނުނަންގަވާ، ފުލުހަށް ގުޅުމުން ބުނަނީ ހުންނެވީ ނަމާދަަށޭ. އެހެންވީމަ އަޅުގަނޑަކަށ އެ ފުރުސަތެއް ނުލިބުނު،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އަދީބާ ބައްދަލުކުރުމުގެ ފުރުސަތު ޝަމީމަށް ނުދޭ ކަމަށާއި އެ ފުރުސަތު ޝަމީމަށް ނެތީ ސުޕުރީމް ކޯޓުން އޭނާ ސަސްޕެންޑުކޮށްފައިވާތީ ކަމަށެވެ.
"އާމުކޮށް ބަނދުގައި ހުރިމީހަކާ ބައްދަލު ކުރެވޭނީ އެމީހެއްގެ އާއިލާ އަށާއި ލޯޔަރަށް ނަމަވެސް މިހާރު ޝަމީމަށް ވަނީ ކޯޓުގާ ވަކާލަާތު ކުރުމަށް މަނާ ކޮށްފައި، އެހެންވެ ސަސްޕެންޝަންގެ މުއްދަތުގައި ޝަމީމަށް، އަދީބާ ބައްދަލެއް ނުކުރެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.
ޝަމީމަށް ވަކާލާތު ކުރުން މަނާކޮށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ޝަމީމަށް ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޝަމީމް ހިލާފުވެފައިވާކަމުގެ މައްސަލައެއްގައި ކަމަށެވެ.