- އިގްތިސާދު ހަމައަކަށް އަޅުވަން އެންމެންގެ އެހީ ބޭނުންވޭ
- މި އަހަރުގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތަކެއްގެ މަސައްކަތް ފަށާނެ
- ހަމަނުޖެހުންތަކުގެ ސަބަބުން ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ
ރާއްޖޭގެ ތާރީހުގައި 7، ފެބްރުއަރީ 2012 ވަނަ ދުވަހަކީ ބޮޑު ދުވަހެކެވެ. އެ ދުވަހު ރާއްޖޭގައި ހިނގި ކަންތައްތަކުގެ "ތަދު" އަދި ވެސް ރާއްޖޭގެ އިގްތިސާދުން ނުފިލަ އެވެ. އެ ދުވަހާ ގުޅިގެން ރާއްޖޭގައި ހިނގި ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރި އެވެ. އޭގެފަހުން އަނެއްކާ ވެސް މިވަނީ އެފަދަ ނުތަނަވަސްކަމެއް އުފެދިފަ އެވެ. މިއާއެކު އުފެދެނީ ސުވާލެކެވެ. ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅޭނީ ކޮން ދުވަހަކުން ބާ އެވެ؟ ދިވެހިން އަބަދު އުޅެންވީ މިގޮތައް ހެއްޔެވެ؟
"ވަރަށް ދެރަކަމެއް މިއީ. ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް. އެހެންވެ ދިވެހިންގެ ވިސްނުން އެބަޖެހޭ ބަދަލު ކުރަން. އަބަދަކު މިގޮތަކަށް ނޫޅެވޭނެ،" ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަޝްހޫރު ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
ހަމަ ޖެހުން ބޭނުންވޭ
ފެބްރުއަރީ ހަތެއްގައި ރާއްޖޭގައި ހިނގި ހާދިސާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށްވި އެވެ. އެ ދުވަހަށްފަހު "ސިޔާސީ ފިކުރު" ގައި ރާއްޖެ ބޮއިކޮޓް ކުރަން ދިވެހިން ހިންގި ކަންތައްތަކުގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެގެން ދިޔަ އެވެ. މިކަމުން ރާއްޖޭގެ ހިންގުމަށް "ހުއްޓުން" އެރި އެވެ. މަޝްރޫއުތައް މަޑު ޖެހިގެން ދިޔަ އެވެ.
އެ ހާދިސާ ހިނގި ދުވަސްވަރުގެ ހިސާބުތައް ބަލައިލަން މާޒީގެ ސަފްހާތައް ހިރަފުސް ފޮޅާލާއިރު ފެންނަނީ ބިރުވެރިކަމެވެ. ނުތަނަވަސް ކަމެވެ. ހިސާބުތައް ދައްކާ ގޮތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 87،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް ފެބްރުއަރީ ހަތަކާއި ގުޅިގެން ރާއްޖޭގައި ހިނގި ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްވަނީ 4.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ޖެހިގެން އައި މަހު ވެސް 5.3 ޕަސެންޓް ދަށަށް ވެގެން ދިޔަ އެވެ. މިވަރުން ނިމުނީއެއް ނޫނެވެ. މި މުއްދަތުގައި ރާއްޖެއަށް އަންނަން ހާދާފައިވާ ޓޫރިސްޓު ބުކިންތަކުގެ ފަސް ޕަސެންޓް ކެންސަލް ކުރި އެވެ. މީގެ ސަބަބުން ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކޮށްގެން ތިބި ގިނަ އަދަދެއްގެ ކުންފުނިތަކަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވި އެވެ.
މި ހާދިސާގެ ސަބަބުން ރާއްޖޭގައި ކުރަން ތައްޔާރުވެފައި ހުރި ގިނަ އަދަދެއްގެ ފޮރިން އިންވެސްޓްމަންޓް ވެސް ގެއްލިގެން ދިޔަ އެވެ. ޓްރޭޑް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި 2011 ވަނަ އަހަރު ރާއްޖޭގައި 21 ފޮރިން އިންވެސްޓްމަންޓް ކުރިއިރު، މި އިންވެސްޓްމަންޓްތަކުގެ އަގު ގާތްގަނޑަކަށް 312 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އަށްއަރަ އެވެ. ނަމަވެސް ޖެހިގެން އައި 2012 ވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 18 އިންވެސްޓްމަންޓެވެ. މީގެ އަގު އުޅެނީ 61 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 940 މިލިއަން ރުފިޔާ)ގަ އެވެ. މީގެ މާނައަކީ ރާއްޖޭގެ ހަމަޖެހުން ގެއްލިގެން ދިއުމާ ގުޅިގެން އިންވެސްޓްމަންޓުންގެ އިތުބާރު ގެއްލި އިންވެސްޓްމަންޓްތަކުގެ 80 ވަރަކަށް ޕަސެންޓް ގެއްލިގެން ދިއުމެވެ. އެހެންކަމުން މިއީ ދިވެހިން ފިލާވަޅު ހާސިލްކުރަން ޖެހޭ ކަމެކެވެ.
މި ފަހަރު ގޯސްވިއިރު ހުރީ ޕޮޒިޓިވްކޮށް
"ފިނިފެންމާ" ލޯންޗުގެ ހާދިސާ ހިނގިއިރު ރާއްޖޭގެ އިގްތިސާދު ރަނގަޅުވުމުގެ އަލާމާތްތައް ދިޔައީ ފެންމުންނެވެ. ވޯލްޑް ބޭންކް ފަދަ ވުޒާރާތަކުންވެސް ބުނަމުން ދިޔައީ ހަމަ ވާހަކަ އެކެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އާމްދަނީ އިތުރުވަމުން ދިއުމަކީ މީގެ ހެއްކެއް ކަމަށް ބުނެވިދާނެ އެވެ. އަދި ޓޫރިޒަމުން ލިބޭ އާމްދަނީ އާއި ދައުލަތުގެ އާމްދަނީވެސް އިތުރުވެގެން ގޮސްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހާ ހަމައަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.
މި ސަބަބުތަކާހުރެ، ސަރުކާރުން އޭރު އަންދާޒާ ކޮށްފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 817 މިލިއަން ޑޮލަރު އިންވެސްޓްމަންޓް އަންނަން ވަނީ ތައްޔާރުވެފަ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ބޮޑެތި ބްރޭންޑްތަކުން ރާއްޖޭގައި ރިސޯޓު ހަދާނެކަން ވަނީ އިއުލާނު ކޮށްފައިވެ އެވެ. މީގެތެރޭގައި ރާއްޖޭގައި މުޅިން އަލަށް ބައެއް ބްރޭންޑްތަކުން އިންވެސްޓްކުރަން ނިންމުންވެސް ހިމެނެ އެވެ.
އިކޮނޮމިކް މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ގެންނަވަމުން ދިޔަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން ފްރީ ހޯލްޑް ކޮންސްޓިޓިއުޝަނަލް ރިފޯމް ރާއްޖޭން ތަސްދީގު ކުރުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް މީގެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށާއި، މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެއަކަށް ރާއްޖެއަށް އަނެއްކާވެސް މިއޮތީ ނުރަނގަޅު ހާލަތެއްގަ އެވެ. މި ދަނޑިވަޅު ބޭނުންވަނީ ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމެވެ. މިހާރު އެންމެ މުހިންމުކަން ބޮޑީ އިގްތިސާދު ހަމައަކަށް އެޅުވުމެވެ.