ޔާމީން ރަޝީދުގެ މަރު

ޔާމީންގެ މަރު: އަދިވެސް އޮތީ އިންސާފުގެ ސުވާލު

Apr 23, 2021
1

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ، ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލިތާ މިއަދަށް ހަތަރު އަހަރުވީ އެވެ. އިންސާފު ހޯދަން އާއިލާ އިން ޓަކި ނުޖަހާ ދޮރެއް ނެތެވެ. އިންސާފަށް އެދި އާދޭސްކޮށް އާއިލާ އިން ސިޓީ ނުފޮނުވާ އެންމެ އިދާރާއެއް ވެސް ނެތެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެކަމަކު އަޑުއެހުންތައް ކުރިއަށް ދަނީ ވަރަށް ލަސްކޮށެވެ. ކޮންމެ އަޑުއެހުމެއްގެ ދެމެދުގައި އެތައް ދުވަހެއް ހޭދަވެ އެވެ. އެންމެ ފަހުން މިމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއީ ޔާމީންގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުވާ ލިބެނީ މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ އިތުރުން ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށެވެ.

ދައުވާ ލިބޭ މީހުންގެ މައްޗަށް ޝަރީއަތް ކުރިއަށްދާއިރު ހެކިން ހާޒިރުކުރުމާއި ހެކި ބަސް ނެގުމާއި ވަކީލުން ހާޒިރުކުރުމުގައި އުދަގޫތައް އެބަހުއްޓެވެ. ކްރިމިނަލް ކޯޓުން ވެސް ތަކުރާރުކޮށް އެކަން ފާހަގަކޮށްފި އެވެ. އެކަމަކު އެކަމުގެ ހައްލަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ. ޔާމީންގެ މައްސަލަ އަވަހަށް ނިންމަން ކްރިމިނަލް ކޯޓުން މީގެ ކުރިން ތާވަލެއް ވެސް ހެދި އެވެ. ބޭނުމަކަށްވީ 2019 ވަނަ އަހަރުގެ ތެރޭގައި މައްސަލަ ނިންމުމެވެ. އެހެންނަމަވެސް މައްސަލާގައި އަދިވެސް ހެކިބަސް ވެސް ނަގައި ނިންމާލެވިފައެއް ނުވެ އެވެ.

ޔާމީންގެ މައްސަލަ އާއި ގުޅޭ ކަންކަން ހިނގަމުންދާ ގޮތުން އަނިޔާވެރި އެ މަރަށް އިންސާފު ލިބިދާނެ ކަމާ ދޭތެރޭ އާއިލާ އިން ސުވާލު އުފައްދަ އެވެ. ޔާމީނާއި އަދި އޭނާ ފަދައިން އަނިޔާވެރިކޮށް މަރާލި އެހެން މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ މަރު ކޮމިޝަންގެ މަސައްކަތްތަކާ ދޭތެރޭ ވެސް އާއިލާ އިން ސުވާލު އުފައްދަ އެވެ.

އާއިލާގެ ކަންބޮޑުވުންތަކާއި ގުޅިގެން މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރުގެ ޝަރީއަތް ކުރިއަށްދާ ގޮތް ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަ ނަމަވެސް ޝަރީއަތަށް ނުފޫޒެއް ނުފޯރާ ގޮތަށް ޔާމީންގެ މަރުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

"ކޮމިޝަންގެ އެދުމަކީ މިމައްސަލަ އާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަށް ނިިމި، ޔާމީން ރަޝީދުގެ އާއިލާ އަށް އިންސާފު ލިބުމެވެ،" މަރު ކޮމިޝަަންގެ ބަޔާނުގައިވެ އެވެ.

މަރު ކޮމިޝަނުން ޔާމީނަށް އިންސާފު ހޯދައިދޭނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ބައެއް މީހުންގެ ނަޒަރުގައި އެ ކޮމިޝަންވެސް އޮތީ "މަރުވެފަ'" އެވެ. ކޮމިޝަންގެ ރައީސާއި އެހެން ބައެއް މެންބަރުން އިސްތިއުފާ ދެއްވިތާ އެތައް ދުވަހެކެވެ. އަލަށް ކޮމިޝަނަށް މެންބަރުން އައްޔަންކޮށްފައެއް ވެސް ނުވެ އެވެ. އެހެންކަމުން ކުރިން ހޯދައި ނުދެވުނު އިންސާފެއް މިހާރު ހޯދައިދެވިދާނެ ކަމަށް ފާޑު ކިޔާ މީހުން ގަބޫލެއް ނުކުރެ އެވެ.

ޔާމީން މާލޭގައި ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 23، 2017 ގައެވެ. އޭނާ މަރުވީ ދީފައި ހުރި ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ.

ޔާމީންގެ މަރަށް މިއަދު ހަތަރު އަހަރު ފުރުމާއި ގުޅިގެން އިންސާފަށް ގޮވާލެވޭ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު ޔާމީންގެ މަރަށް އިންސާފު ލިބޭނެތޯ އެއީ އެންމެންހެން އުފައްދާ ސުވާލެވެ.