ބޭރު ކުޅިވަރު

ތަށި ލިބޭނެކަން އެނގޭނީ ޖެނުއަރީގައި: ވެންގަ

އާސެނަލް އަށް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރެވިދާނެކަން ބުނަން އެނގޭނީ އަންނަ ޖެނުއަރީ މަހު ކަމަށް ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އޭނާ މިހެން ބުނީ 2003 ވަނަ އަހަރު އާސެނަލް އަށް ކުރިމަތިވި ފަދަ ނަތިޖާތަކެއް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މި އަހަރު ކުރިމަތިވެފައިވަނިކޮށެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި އިންޓަމިލާން އަތުން ތަފާތުބޮޑުކޮށް ބަލިވެ، އާސެނަލް އަށް ޗެމްޕިއަންސް ލީގު ގެއްލުނު ނަމަވެސް ޕްރެމިއާ ލީގުގައި އެ ޓީމު ތަށި ކާމިޔާބު ކުރި އެވެ. މިފަހަރު ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ޗެމްޕިއަންސް ލީގުގައި އާސެނަލް 5-1އިން ބަލިވެފައިވާއިރު މުބާރާތުން ކެޓުމުގެ ބިރުވަނީ ހީވެފަ އެވެ. އެކަމަކު އިނގިރޭސި ލީގުގައި އާސެނަލް އޮތީ އެއްވަނާގައި މެންޗެސްޓާ ސިޓީއާ އެއްހަމައެއްގަ އެވެ.

"ބައެއް ކަންތައްތައް ދިމާވެފައި އެބަހުރި. އެކަމަކު ތަށި ލިބިދާނެކަން ބުނަން އެނގޭނީ ޖެނުއަރީގައި. އެ ހިސާބުން އަހަރެން ބުނެފާނަން އަހަރުމެންނަށް ތަށި ލިބޭނެތޯ ނުވަތަ ނޫންތޯ،" ވެންގާ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އާސެނަލް އަށް އެޑްވާންޓޭޖްތަކެއް އެބަހުރި ކަމަށެވެ.

"އެހެން އަހަރުތަކުގައި އަހަރުމެންނަށް ނުވާކަމެއް މިފަހަރު އެބަކުރިމަތިވޭ. އަހަރުމެން ކުޅެން މިޖެހުނީ މިހާތަނަށް ލީގުގެ އެންމެ ކުރީގައިހުރި ޓީމުތަކާ. ޗެލްސީ އާއި ލިވަޕޫލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ލެސްޓާ ސިޓީ ފަދަ ޓީމުތަކާ. އެހެން އަހަރުތަކުގައި އަހަރުމެން ސީޒަނުގެ މިހާ ހިސާބަށް އަންނައިރު ކުޅެނީ މީގެ ތެރެއިން ދެބައި ކުޅައެއްބައި ޓީމުތަކާ. އެހެންވީމަ މިފަހަރު އުއްމީދީ ނަޒަރަކުން ވެސް ބެލިދާނެ،" ވެންގާ ބުންޏެވެ.

އާސެނަލް އަށް މިވަގުތު ލިބިފައިވަނީ 25 ޕޮއިންޓެވެ.