ބޭރު ކުޅިވަރު

އަނެއްކާ ވެސް ޗެލްސީ ބަލިވެއްޖެ، މިއީ ރެކޯޑެއް

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ސްޓޯކް ސިޓީ އަތުން ޗެލްސީ 1-0އިން ބަލިވެ، ބަލިވުމުގެ ރެކޯޑެއް ހަދައިފި އެވެ.

މި މެޗުން ބަލިވުމުން ޗެލްސީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެފަ އެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމެއް މިހާތަނަށް ޕްރެމިއާ ލީގުގައި ބަލިވި އެންމެ ގިނަ ފަހަރެވެ. އަދި މިއީ 1978ގެ ފަހުން ޗެލްސީ ހަތް މެޗުން ބަލިވި ފުރަތަމަ ފަހަރުވެސް އެވެ.

މާކޯ އާނައުޓަވިޗް ޖެހި ގޯލުން ޗެލްސީން ބަލިވިއިރު ކޯޗު ހޯސޭ މޮރީނިއޯ ހުރީ ދަނޑަށް ވެސް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ މެޗު ބެލީ ސްޓޭޑިއަމާ ކައިރި ހޮޓަލެއްގައި ހުރެ އެވެ. މެޗުން ބަލިވުމުން އޭނާގެ މަގާމު ވެސް ވަނީ ކުރިއަށްވުރެ ނާޒުކު ހާލަތަކަށް ގޮސްފަ އެވެ. އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ފުރަތަމަ 12 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ، 11 ޕޮއިންޓާއެކު ލީގުގެ 16 ވަނަ އަށް ޓީމު ވެއްޓުމަކީ ޗެލްސީގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮވިޗަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. މިހެންވެ ދެން އެންމެ އަވަހަށް އޮތީ މޮރީނިއޯ މަގާމުން ވަކިކޮށް އާ ކޯޗަކު ގެނައުމެވެ.

ނަމަވެސް ޗެލްސީގެ ކުޅުންތެރިން ބުނަނީ އެމީހުން ތިބީ ކޯޗާއެކުގައި ކަމަށެވެ. ނަތީޖާ ރަނގަޅު ނުވެގެން އުޅެނީ ނަސީބު ވެސް ނެތިގެން ކަމަށެވެ. ރޭގެ މެޗަށް ފަހު ގޯލްކީޕަރު އަސްމީރު ބެގޮވިޗް ވެސް ބުނީ މިހެންނެވެ.

"އަހަރުމެން މިތިބީ މޮރީނިއޯގެ ފަހަތުގައި. ކަލޭމެންނަށް ފެންނާނެ ޓީމު ކުޅުނު ވަރު. އަހަރުމެން މަސައްކަތްކުރަނީ އޭނާއަށްޓަކައި. މޮރީނިއޯ އަކީ އެންމެ ރަނގަޅު ކޯޗު. އަހަރުމެން މިމެޗުން މޮޅުވާން ވެސް ވަރަށް މަސައްކަތް ކުރިން. ދަނޑީގައި ވެސް ޖެހުނު ބޯޅައެއް. އެކަމަކު ނަސީބުނެތީމަ ބަލިވެގެންމިދިޔައީ،" ކީޕަރު ބުންޏެވެ.

އެކަމަކު ބަލިވުމުގެ ސިލްސިލާއަށް ނިމުމެއް ނައިސް ކުރިއަށްދާތީވެ މޮރީނިއޯ އަށް އޭނާގެ މަގާމު ސަލާމަތްކުރެވިދާނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.