ޓޫރިޒަމްގެ މުހިންމު ނިންމުންތައް ނިންމާއިރު، ޓޫރިޒަމާ ގުޅުންހުރި އެސޯސިއޭޝަންތަކާ މަޝްވަރާ ނުކުރާ ކަމަށް ބައެއް އެސޯސިއޭޝަން ތަކުން ބުނެފި އެވެ.
ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި އެސޯސިއޭޝަންތައް ކަމަށްވާ މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަން އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އަދި އެސްއެމްއީ ފެޑަރޭޝަން އާއި މަޓާޓޯ އިން ބުނި ގޮތުގައި ޓޫރިޒަމް މިނިސްޓްރީން މި ފަހުން ނަގަން ނިންމާފައިވާ ގިނަ ޑިސިޝަންތަކުގައި މަޝްވަރާއެއް ނުކުރެ އެވެ. މީގެތެރޭގައި ލޯންގް ސްޓޭގައި މީހުންނަށް ތިބެން ނިންމުމާއި ވެކްސިން ޓޫރިޒަމް ތައާރަފު ކުރުން ހިމެނެ އެވެ. މި ކަންކަމުގެ މައުލޫމާތު އިންޑަސްޓްރީއަށް ނޭނގެ އެވެ. އަދި ގިނަ ކަންތައްތަކުގައި ޓުއާ އޮޕަރޭޓުން ގުޅަމުންދާއިރު، ޓޫރިޒަމާ ގުޅުންހުރި މައުލޫމާތު ނުދެވި އެ މީހުން ތިބީ "ވާނުވާ" ގަ އެވެ.
ޓޫރިޒަމް ވިޔަފާރިތައް ހިމެނޭ ގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަމްސީލް ކުރާ، އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވީ އެ އެސޯސިއޭޝަނުން ކޮންމެ ދުވަހަކު ޓޫރިޒަމްގެ އިންޑަސްޓްރީ އާއި އެސޯސިއޭޝަންތަކާ ބައްދަލުވާ ކަމަށާ ކަމަށާ، ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން އެސޯސިއޭޝަންއަކާ މަޝްވަރާ ކުރަމުން ނުދާކަން ފާހަގަ ކުރެވޭ ލަމަށެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑުމެން [އެސްއެމްއީ ފެޑަރޭޝަން] އާ މަޝްވަރާއެއް ނުކުރެ. ކޮންމެ ރެއަކު ހަ އެސޯސިއޭޝަންގެ ބޭފުޅުންނާ އަޅުގަނޑާ އެބަ ދިމާވެ. ކޮންމެ ރެއަކު ގައުމީ ކަންތައްތަކުގައި މަޝްވަރާ ކުރެވޭ. އެ ބޭފުޅުންވެސް ބަހަކީމީ،" ލަތީފު ވިދާޅުވި އެވެ.
ރާއްޖޭގެ ގެސްޓްހައުސްތައް ތަމްސީލް ކުރާ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން މި ފަހުން ނިންމި ނިންމުންތަކުގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
ގައުމީ ބޯޓިން އެސޯސިއޭޝަންގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ އިންޑަސްޓްރީގެ ކަންކަންތަކުގައި އެ އެސޯސިއޭޝަންއާއެކު ޓޫރިޒަމް މިނިސްޓްރީން ގިނަ ފަހަރު މަޝްވަރާ ކުރައްވާ ކަމަށެވެ. ނަމަވެސް ފަހުން ވާހަކަ ނުދެކެވުނީ ބައެއް ކަންތައްތަކުގެ ޕްލޭނިން ސްޓޭޖުގައި އޮތުމުން ކަމަށްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ވަރަށް ކްލޯޒްކޮށް ވާހަކަ ދެކެވުނު މަޝްވަރާ ވެސް ކުރެވެމުން ގެންދިޔަ، މަޝްވަރާ ކުރުން މިއީ ވަރަށް މުހިންމު ކަމެއް،" އަފްރާހު ވިދާޅުވި އެވެ.
އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (އާޓާ) ގެ ރައީސް ޔޫސުފު ރިފްއަތު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެ އެސޯސިއޭޝަންއާ މަޝްވަރާ ކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ގެންނަން ނިންމާ ބައެއް ބަދަލުތަކުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ. ޓްރެވަލް އެޖެންޓު ވިޔަފާރީގައި އެންމެ ދުވަސްވީ އެއް ބޭފުޅާ ކަމަށް ރިފްއަތު ފާހަގަ ކުރެއްވި އެއް ކަމަކީ "ހޯމް ސްޓޭ" އެވެ. މީގެ ސަބަބުން އިޖުތިމާއީ މައްސަލަތަކުގެ ފުންޏަކަށް ރާއްޖެ ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން އެސޯސިއޭޝަނެއްގެ ވެރިއަކު ބުނި ގޮތުގައި މިނިސްޓަރު މިހާރު އުޅުއްވަނީ މަގާމު ދިފާއު ކުރައްވަން ކަމަށާ، ސަރުކާރަށް "ވައި ޖަހަން" ކަމަށެވެ.
"މަޖިލީހުގެ ރައީސް [މުހައްމަދު ނަޝީދު] ގެ ރުހުން ހޯދަން މި އުޅެނީ. ސަރުކާރަށް ވައި ޖަހަން. އިންޑަސްޓްރީއަކާ މަޝްވަރާއެއް ނުކުރެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެސޯސިއޭޝަންތަކާ މަޝްވަރާ ނުކުރާ ކަމަށް އެސޯސިއޭޝަންތަކުން ބުނި ނަމަވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގުޅުންހުރި ހުރިހާކަމެއްގައި އެސޯސިއޭޝަންތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އިންޑަސްޓްރީއާއެކު ޓޫރިޒަމް މިނިސްޓްރީން އޮންނަ ރިލޭޝަންޝިޕް ވަރަށް ރަނގަޅު. ޓޫރިޒަމް އިންޑަސްޓްރީ އަށް ގާތުން މަސައްކަތް ކުރެވޭ. ހިތް ފުރޭ ވަރަށް ސަޕޯޓް ލިބޭ،" މައުސޫމް ވިދާޅުވި އެވެ.
އިންޑަސްޓްރީއާއެކު ޓޫރިޒަމް މިނިސްޓްރީން އޮންނަ ރިލޭޝަންޝިޕް ވަރަށް ރަނގަޅު. ޓޫރިޒަމް އިންޑަސްޓްރީއަށް ގާތުން މަސައްކަތް ކުރެވޭ. ހިތް ފުރޭ ވަރަށް ސަޕޯޓް ލިބޭޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ބޮޑު ސިނާއަތެއް ކަމަށާ އެހެންކަމުން ބައެއް ކަންތައްތަކުގެ ހުރިހާ ފަރާތްތަކާ މަޝްވަރާ ނުކުރެވިދާނެ ކަމަށެވެ.
"ބައެއް ކަންތައް ހުންނާނެ ޑެސްޓިނޭޝަން ލެވަލްގައި ގެންދާ ކަންތައްތައް. ޓޫރިޒަމްއަކީ ބޮޑު ދާއިރާއެއް މިއީ ޗެލެންޖެއް. އެކަމަކު ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވޭ،" މައުސޫމް ވިދާޅުވި އެވެ.