ކްރިމިނަލް ކޯޓް

މޫސަގެ މަރު: އިދާރީ އޮޅުމަކުން ހެކިން ހާޒިރެއް ނުކުރެވުނު

ތޫނު އެއްޗެއް ބޭނުންކޮށްގެން މަރާލާފައިވާ ވ. ކެޔޮދޫ ދޭލިއާގެ، މޫސާ އަހްމަދުގެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރެއް ނުކުރެވުނެވެ.

މި މައްސަލާގައި މިހާރު ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު މިއަދު އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް ކޯޓުގެ އިދާރީ މައްސަލައެއްގެ ސަބަބުން ހެކިން ހުށަނޭޅުނު ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކި ބަސް ނަގާއިރު ފޯމެއް ފުރަން ކުރިން ނުޖެހޭ ކަމަށާއި ނަމަވެސް އިއްޔެ ކޯޓުން އެންގީ ފޯމެއް ހުށަހަޅައިގެން ނޫނީ ހެކިން ހާޒިރު ނުކުރެވޭނެ ކަމަށެވެ. ދައުލަތުން ވިދާޅުވީ ދުރާލާ ހެކިން ގެންނަން ކޯޓާއި މަޝްވަރާ ކުރަމުން އައި ކަމަށާއި ހެކިންގެ މައުލޫމާތު ވެސް ކޯޓާ ހިއްސާކޮށްފައި ވާނެ ކަމަށެވެ. ހެކިން ހާޒިރުކުރަން އިއްޔެ ކޯޓުން އެއް ދުވަހުގެ މުއްދަތެއް ދީފައިވާތީ މިއަދު ހެކިން ހާޒިރު ނުކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސިއްރު ހެކިން ހާޒިރުކުރުމަށް އަންނަ މަހުގެ 12 ވަނަ ދުވަހަަށް މިހާރު ވަނީ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.

މޫސާ އަހްމަދު މަރާލި މައްސަލާގައި ދައުލަތުން ވަނީ ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އެއީ ސ. ހިތަދޫ، ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމާއި، ސ. ހިތަދޫ، މުޑުދާސް، އަލީ ހަސަން އާއި، މ. ދިއްގަރު، ދެބުދާރުގޭ، އަހްމަދު އީޖާދު މުހައްމަދާއި، އދ. މާމިގިލީ، ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހްމަދު ފަތުހީ އާއި، ނ. ޅޮހީ، ކަނީރުމާގޭ، މުހައްމަދު ރިޔާޒު އެެވެ.

އޭގެތެރެއިން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވަނީ އިބްރާހިމް ސައްމާހު އަހްމަދުގެ މައްޗަށެވެ. އޭނާގެ މައްސަލަ މިހާރު ބަލަމުން ދަނީ ކްރިމިނަލް ކޯޓުގެ އެހެން ސެކްޝަނަކުންނެވެ.

ދެން ކުރިއަށް ދިޔައީ ހަތަރު މީހުންގެ ބަންދު މުރާޖައާ ކުރުމެވެ. އެމީހުން މުޖުތަމައަށް ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ނިންމަވާފަ އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މޫސާ އަހްމަދު މަރާލާފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު އެވެ.