ކްރިމިނަލް ކޯޓް

އަނަސްގެ މަރު: ހެކިން ހާޒިރެއް ނުކުރެވުނު

އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިން މިއަދު ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ހެކިންގެ ހެކިބަސް ނުނަގާ ގޮތަށް ނިންމައިފި އެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

މިމައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ނޫން ހަތަރު ހެކިންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އޭގެ ފަހުން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ނުވަ ހެކިންގެ ތެރެއިން އެކަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިފައިވާ ކަމަށް ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ދެން ތިބި ހެކިވެރިން ވެސް ކޯޓަށް ހާޒިރުވާން އިންކާރުކޮށްފައިވާ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނެފައިވެ އެވެ.

ކޯޓުން ޗިޓު ފޮނުވައިގެން ވެސް އެމީހުން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ދައުލަތުން އެދުނީ މައްސަލައިގެ ތަހުގީގު މަރުހަލާގައި އެމީހުން ދިން ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މިކަމާއި ގުޅިގެން ހަސަން މަހުފޫޒާއި، ޖުނައިހު އަބްދުﷲ އަދި އަފްރާހް އަބްދުއްރައްޒާގުގެ ދިފާއީ ވަލީކް އާދަމް އާސިފް ވިދާޅުވީ ތަހުގީގީ މަރުހަލާގައި ހެކިން ދޭ ބަޔާނަކީ ދިފާއަށް ފެންނާނެ އެއްޗަކަށް ނުވާތީ ހެކިވެރިންނާ ސުވާލު ކުރުމުގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ. އެހެންކަމުން ބަޔާނެއްގެ މައްޗަށް މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އިއުތިރާޒްކުރައްވާފަ އެވެ.

އަހްމަދު ޒަޔާން އަދި އުސްމާން ރަޝީދުގެ ދިފާއީ ވަކީލް މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ ތަހުގީގު މަރުހަލާގައި ދޭ ބަޔާންތަކަށް ރިއާޔަތްކޮށް މިހާތަނަށް އެއްވެސް މައްސަލައެއް ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން ސިއްރު ހެކިންގެ ގޮތުގައި ތިބި މީހުންނަކީ ނެތް ހެކިންގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ހެކިވެރިންނާ ގުޅޭގޮތުން ދިފާއީ ވަކީލުން ފާހަގަކުރެއްވި މައްސަލައާއި ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިވެރިންނާ ސުވާލުކުރުމުގެ ހައްގު ދިފާއީ ވަކީލުންނަށް ލިބެންޖެހޭނެ ކަން ގަބޫލުކުރައްވާ ކަމަށެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތަކަށްފަހު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އަނަސްގެ މަރުގެ މައްސަލަ ކުރިއަށް ގެންދާއިރު ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެން ކުރިއަށް ދިޔައީ މައްސަލާގައި ދައުވާ ލިބޭ ހަތް މީހުންގެ ބަންދު މުރާޖައާ ކުރުމެވެ. އެ މީހުން މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބަލައި ގާޒީ ނިންމެވީ އެމީހުންގެ ބަންދުގެ މުއްދަތު ދެމެހެއްޓުމަށެވެ.

މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިން ހުށަހެޅުމެވެ. ދިފާއީ ހެކިންގެ މައުލޫމާތު ކޯޓާ ހިއްސާކުރުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ޖޫން މަހުގެ ތެރޭގައި ކަމަށްވެސް ގާޒީ އިއުލާންކުރެއްވި އެވެ.