ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ހޮންކޮންއާ ދެކޮޅަށް ކުޅޭ މެޗުން ވެލެންސިއާގެ އަކުރަމް އަބުދުލްގަނީ ބާކީކޮށްފި އެވެ.
ގައުމީ ޓީމުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ހުރި އަކުރަމް ޓީމުން ބާކީކުރިއިރު ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އަކުރަމް އިނީ ބެންޗުންނެވެ. މިނޫނީ އަކުރަމަކީ އާއްމުކޮށް ފުރަތަމަ 11ގައި ކުޅޭ ކުޅުންތެރިއެކެވެ. އަދި މި އަހަރު މެދުތެރޭގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރިއިރު ޓީމުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. އަކުރަމް ޓީމުން ބާކީކުރިއިރު އޭނާގެ ބޭބެ އަދި ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބުދުލްގަނީ އަކީ ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗެވެ.
މި މެޗުގައި ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި މާޒިޔާގެ މުހައްމަދު އުމޭރު ވެސް ނުކުޅޭނެ އެވެ. އެ ދެކުޅުންތެރިންނަށް އަނިޔާވެފައިވާއިރު އަޑުބަރޭ އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެފަ އެވެ. މިފަހަރުގެ ޓީމުގެ ސްކޮޑުން މީގެ ކުރިން ފުރުސަތުނުދޭ އާ ކުޅުންތެރިއަކަށް ކޯޗު ފުރުސަތުދީފައިނުވެ އެވެ. ޓީމުގެ ޕްރެކްޓިސް ހުކުރު ދުވަހު ވަނީ ފަށައިފަ އެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. އެއީ 4-3އިންނެވެ. ހޮންކޮންގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުން 2-0އިން ބަލިވެފައިވާއިރު ޗައިނާ އަތުން ބަލިވީ 3-0އިންނެވެ. އަދި ގަތަރުގައި އެ ގައުމާ ދެކޮޅަށް ކުޅެ ބަލިވީ 4-0އިންނެވެ.