އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި މިދިޔަ އަހަރު ބޮޑު މާލީ ކުރިއެރުމާއެކު، ހިއްސާދާރުންނަށް ރެކޯޑު ފައިދާއެއް ދޭން ހުށަހަޅަން ނިންމައިފި އެވެ.
ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާވާ އަދި ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނި ކަމަށްވާ އެމްޓީސީއަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ވަނީ ލިބިފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތް ކޮށްގެން އެ ކުންފުނިން ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.74 މިލިއަން ރުފިޔާ ހޯދާފަ އެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާ އާއި އަޅާބަލާއިރު 253 ޕަސެންޓުގެ އިތުރު ވުމެކެވެ.
އެމްޓީސީސީން މި ކާމިޔާބީއާއެކު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައި ވާއިރު، އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކާމިޔާބީއަކީ 40 އަހަރުތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އެހެންވެ މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ދޭ އަދަދު މަތި ކުރަން ބޯޑުން ވަނީ ނިންމާފަ އެވެ.
ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތުން ހިއްސާ އަކަށް ތިން ރުފިޔާ ބަހާނެ އެވެ. މިއާއެކު ހިއްސާދާރުންނަށް ޖުމްލަ 24.11 މިލިއަން ރުފިޔާ ބަހާނެ އެވެ.
އެ ކުންފުނިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ބޯޑުން ނިންމިއިރު، އެންމެ ބޮޑު ފައިދާއެއް މިހާތަނަށް ބަހާފައި ވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާއަކަށް ދޭން ނިންމީ 2.60ރ. އެވެ. ނަމަވެސް އެ އަހަރު ހިއްސާގެ ފައިދާ ބަހާފައެއް ނުވެ އެވެ. އަދި 2019 ވަނަ އަހަރު ދީފައިވަނީ ހިއްސާއަކަށް ދެ ރުފިޔާ އެވެ.
އެމްޓީސީސީ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް 2019 ވަނަ އަހަރު ކުރީ 1.15 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ. މިދިޔަ އަހަރު އެ ކުންފުނިން ހާސިލް ކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން މިދިޔަ އަހަރު 36 އެއް ނިންމާފައިވެ އެވެ. އަދި އެ ކުންފުނިން ދަނީ މާލެ އަތޮޅު ހިމެނޭ ގޮތަށް ހަ ޒޯނެއް ހިމެނޭ ގޮތަށް 16 އަތޮޅެއް ދަތުރުފަތުރުން ގުޅާލާފައިވެ އެވެ.