ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެރަށު ކެނެރީގެ އަލީ މުނީޒަށް ފުލުހުން އަނިޔާކުރުމުގެ ސަބަބުން އޭނާ އައިސީޔޫގައި އޮތް ކަމަށް ފަތުރާ ހަބަރުތައް ފުލުހުން ދޮގުކޮށްފި އެވެ.
އަލީ މުނީރަށް ޖަލުގައި ދިން އަނިޔާތަކަށްފަހު އޭނާ އައިސީޔޫގައި އެޑްމިޓް ކުރާން ޖެހުނު ކަމަށް އާއިލާ އިން ބުނެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނީ ސޯޝަލް މީޑިއާގަ އެވެ.
މިކަމާ ގުޅިގެން އަވަސް އިން ފުލުހުންނާ ސުވާލުކުރުމުން ބުނީ އޭނާ އަކީ ސިއްހީ މައްސަލަތަކެއް ކުރިން ވެސް ހުންނަ މީހެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެގެން ކަމަށެވެ.
ފުލުހުން ބުނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އޭނާ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީ ޑިޕާޓްމަންޓަށް ދައްކާފައިވާ ކަމަށެވެ. އެކަމަކު އެއީ އޭނާ އަށް ޖަލުގައި އެއްވެސް އަނިޔާއެއް ދީގެން ޑޮކްޓަރަށް ދެއްކި ދެއްކުމެއް ނޫން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އަލީ މުނީޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ތިމަރަފުށިން ޓެރަރިޒަމް މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އެރަށު އަސްރަފީވިލާ، އަހްސަން މުހައްމަދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.