މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން އަނިޔާކުރި މައްސަލަ ބަލަން ފަށައިފި

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރާ ޖިންސީ ގޯނާ އާއި ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން މިރޭ ބޭއްވި އިހުތިޖާޖުތަކުގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބަލަން ފަށައިފި އެވެ.

އިހުތިޖާޖުގައި ބައިވެރިވި އަންހެނަކު ހައްޔަރުކުރަން ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު ފުލުހުންގެ ޕްރޮފެޝަނަލް ކަމާ ދޭތެރޭ އެތައް ބަޔަކު ސުވާލު އުފައްދާ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ބުނެފައިވަނީ މިރޭގެ އިހުތިޖާޖުގައި ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

"މި މައްސަލާގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށް ދިޔަވަރަކުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން،"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައިވެސް ބާރުގެ ބޭނުން ކުރަންވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި މިރޭ ހިނގާދިޔަ ހާދިސާގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމަށެވެ.

މިރޭގެ އިހުތިޖާޖު ހުއްޓުވަން މަސައްކަތް ކުރި ބައެއް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން މުއާމަލާތްވެސް ކޮށްފައެވެ. އަދި ހައްޔަރު ކުރި މީހުންނަށް ހައްޔަރު ކުރުމުގެ ތެރޭގައި ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެެވެ. އެކަކު ވަނީ ހޮސްޕިޓަލުން ފަރުވާވެސް ހޯދާފައެވެ.