އެމެރިކާ ޑޮލަރު

93 މަނީ އެކްސްޗޭންޖަރެއްގެ ހުއްދަ ބާތިލުކޮށްފި

ފައިސާ މާރު ކުރުމުގެ ހިދުމަތް ދޭ 93 ތަނެއްގެ ލައިސަންސް މިދިޔަ އަހަރު ބާތިލު ކޮށްފައިވާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މަނީ އެކްސްޗޭންޖު ކުރާ ތަންތަނަށް ލައިސަންސް ދޫކުރާ ދައުލަތުގެ އިދާރާ ކަމަށްވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 93 ތަނެއްގެ ހުއްދަ ވަނީ އެކި ސަބަބުތަކާހުރެ ބާތިލް ކޮށްފައިވެ އެވެ.

މި ތަންތަނުގެ ހުއްދަ ބާތިލްކުރި ސަބަބުތަކުގެ ތެރޭގައި ބައެއް ތަންތަނުން މި ވިޔަފާރި ކުރަން ބޭނުންނުވެ، ހުއްދަ ބާތިލް ކުރަން އެދުމާއި މަނީ އެކްސްޗޭންޖު ކުރުމަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް މި ވިޔަފާރިކޮށްފައިވުމުން އެމްއެމްއޭ އަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން ހުއްދަ ބާތިލް ކުރުން ހިމެނެ އެވެ.

މިދިޔަ އަހަރު މަނީ އެކްސްޗޭންޖު ކުރާ ތަންތަނުގެ ތެރެއިން ހުއްދަ ބާތިލްކުރިކަން އާއްމުކޮށް އެނގިފައިވަނީ ބިދޭސީއެއް އަޑީގައި ހުރެގެން ރާއްޖޭގައި ފައިސާ މާރުކުރުމާއި މަނީ ލޯންޑްރިންއަށް ތުހުމަތު ކުރެވޭ ގިނަ ކްރައިމްތަކެއް ހިންގަމުން މިދިޔަ ބަނޑަހަ ފައިނޭންސިން އެވެ. މި މައްސަލާގައި ތުހުމަތު ކުރެވުނު ބިދޭސީ މީހާ ވަނީ ތަހުގީގު ކުރުމެއްނެތި އިމިގްރޭޝަނުން ޑީޕޯޓް ކޮށްފަ އެވެ. މި މައްސަލާގައި ސަރުކާރަށް ގިނަ ބަޔަކު ފާޑުވެސް ކިޔާފައިވެ އެވެ.

ބައެއް މަނީ އެކްސްޗޭންޖަރުންގެ ލައިންސަން ބާތިލް ކުރިއިރު މިދިޔަ އަހަރު މި ވިޔަފާރި އަށް މުޅިން އަލަށް 21 ފަރާތެއް ނުކުމެ، އެ ފަރާތްތަކަށް ލައިސަންސް ދީފައިވެ އެވެ.

ރާއްޖެއަށް ބޭރު ފައިސާ ވަނުން މަދުވުމާއެކު މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ފުޅާކޮށް ދަނީ ކަޅު ބާޒާރުގައި ޑޮލަރު މާރު ކުރުމުގެ ވިޔަފާރި ކުރަމުންނެވެ. މި ވިޔަފާރި ހިންގާ ގޮތް އެންމެ ބޮޑަށް އާއްމުންނަށް ތިލަ ވެގެން ދިޔައީ އަވަސް އިން ގެނެސްދިން އަވަސް އިންވެސްޓިގޭޓް ރިޕޯޓުންނެވެ.