ހަބަރު

ސައްހަކަން ކަށަވަރުކުރަންޖެހޭ ހުކުމްތަކަށް 30 ދުވަހުގެ އިސްތިއުނާފު މުއްދަތެއް

ޖިނާއީ މައްސަލައެއްގައި ހައިކޯޓުން ކުރާ ހުކުމެއްގެ ސައްހަކަން ކަން ކަށަވަރު ކުރުމަށް އެ ނިންމުމެއް ހައިކޯޓުން ނިންމާތާ 30 ދުވަހުގެ ތެރޭގައި ސްޕްރީމްކޯޓަށް ހުށަހެޅޭ ގޮތަށް ނިންމައި ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ހައިކޯޓުން ޖިނާއީ މައްސަލައެއްގައި ހުކުމްކުރުމުން ބަންދުދުވަސް ހިމެނޭ ގޮތަށް، 30 ދުވަހުގެ ތެރޭގައި، ހުކުމް އިސްތުއނާފުކުރުމަށް އިސްތިއުނާފު ކުރުމުގެ ހައްގު އޮތް ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، ހައި ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށްޓަކައި، ޕްރޮސިކިއުޓާ ޖެނެރަލް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާންވާނެ ކަމަށެވެ.

ހައިކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ސްޕްރީމް ކޯޓުން ދީފައި އޮންނަ މުއްދަތަކީ 60 ދުވަހެވެ. ނަމަވެސް މި ސާކިއުލާއަށް އމަލުކުރަން ފެށުމުން ޖިނާއީ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ކުރުވެ 30 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ އެވެ.