އެންއައިސީ

މުޒަހާރާގައި ފުލުހުން އަމަލުކުރި ގޮތް އެންއައިސީން ވެސް ބަލަނީ

May 3, 2021
1

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ދެކޮޅަށް މާލޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ މައްސަލަތަކެއް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންއައިސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތީ ކޮމިޝަނުން އިސްވެ ބަލަމުންދާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ފަށާފައިވާތީ އިތުރު އެއްވެސް މައުލޫމާތެއް ކޮމިޝަނުން ހިއްސާކޮށްފައެއް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ލިބޭ މީހުންނަށް ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަސްފަންނު ސަރަހައްދުގައި އަޑުުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން އެރޭ ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން މަޖީދީ މަގުން އިރަށްވާ ގޮތަށް ކުރިއަށް ގޮސްފަ އެވެ. އެކަމަކު މަޖީދީ މަގު ސަން ފްރޮންޓް ފިހާރަ އާއި ހަމައިން ފުލުހުން ވަނީ އިހްތިޖާޖުގެ ބައިވެރިން ހުއްޓުވާފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ސީދާ އަމާޒުކޮށް ވަރަށް ގަދައަށް ޕެޕާސްޕްރޭ ޖަހައި ބައެއް މީހުންނަށް އަނިޔާވާ ގޮތަށް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ.

އެ މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެހެންކަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންގެ ކަމާ ގުޅޭ ކޮމިޓީތަކަށް އަމުރުކުރައްވާފަ އެވެ. އަދި ތުހުމަތުކުރެވޭ ފުލުހުން މިހާރު ވަނީ މަސައްކަތުން އެކަހެރިކޮށްފަ އެވެ.

އެޗްއާރްސީއެމުން ވެސް ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް ވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމު ވަނީ ހުށަހަޅުއްވާފަ އެވެ.