ޓޫރިޒަމް

ޓޫރިޒަމް އިޝްތިހާރު ބަޖެޓު 150 މިލިއަން ރުފިޔާއަށް އިތުރުކޮށްފި

އަންނަ އަހަރު ފާހަގަ ކުރާ "ވިޒިޓް މޯލްޑިވްސް އިޔާ" އާ ދިމާކޮށް ރާއްޖެ އިޝްތިހާރު ކުރަން 150 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"އެންމެ މައިގަނޑު ކަމަށް މަސައްކަތް ކުރަނީ މަޓީ ފަދަ ކީ ލީޑަރުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންވެސް ލަނޑުދަނޑިތައް ހާސިލް ކުރުމަށް ގައިޑްކޮށްދޭ ގޮތަށް ސަރުކާރުގެ ޕޮލިސީއާއެކު ކުރިއަށް ދިއުމަށް. ކުރީ އަހަރުތަކުގައި 70 ނޫނީ 80 ރުފިޔާގެ ބަޖެޓަކުން މަސައްކަތްކުރަނީ. ނަމަވެސް މި އަހަރު 150 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ނުކުންނަނީ ބަޖެޓް ޑަބަލްކޮށްގެން ކަމަށާއި، އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ ޒާތުގެ އެޓްރެކްޓިވް ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

"ބޭރުގެ އެއާލައިންތަކުގައި ވިޒިޓް މޯލްޑިވްސް ޖެހުމަށް ވެސް ހަމަޖެހިފައިވޭ. އެގޮތުން ބައެއް އެއާލައިންތަކާ ވާހަކަ ދައްކަމުން މިދަނީ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ނިމިގެންދިޔަ ޑަބްލިޔުޓީއެމް ފެއާގައިވެސް ގިނަ ބަޔަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.

"ރާއްޖެއަށް 3،000 ނޫނީ 4،000 ޓޫރިސްޓުން ރާއްޖެއަށް ފޮނުވާ ޓުއާ އޮޕަރޭޓަރުންނާއެކު ވެސް މަސައްކަތް ކުރެވޭނެ މެކޭނިޒަމްތައް މިހާރު ރޭވިފައިވަނީ. މިދިޔަ އަހަަރަށް ވުރެ މި އަހަރު 20 ޕަސެންޓް ފޯކާސްޓް އިތުރުކޮށްފައި ތިބީ ޓުއާ އޮޕަރޭޓަރުން އެހެންވެ އެ ބޭފުޅުންނަށް ވެސް އިންސެންޓިވް ލިބޭނެ ގޮތަކަށް ރާވައިގެން މި ދަނީ،" ޒަމީރު ވިދާޅުވި އެވެ.