ކުށުގެ ވެށީގައި އުޅޭ ބިދޭސީން ޑީޕޯޓް ކުރުމާއި ގުޅޭ ގޮތުން އިމިގްރޭޝަނާއެކު ފުލުހުން މަޝްވަރާތަކެއް ކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު އިމިގްރޭޝަނާ މިހާރު ހިއްސާ ކޮށްފައިވާނެ އެވެ.
ލޯ ނަރުގެ ވައްކަމާއި މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނު ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގާ ބިދޭސީން ވަރަށް ގިނަ އިރު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގައި، ތަފާތު އެކި ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރޭގައު ވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީން ގިނަ ކަމަށް ފުލުހުން ބުންޏެވެ.
ލިޔެކިޔުން ނެތް ބިދޭސީންގެ ސައްހަ މައުލޫމާތު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމާއި އެމީހުން ގައުމުން ފޮނުވާލުމުގައި ލަސް ވާތީ އެމީހުންނަށް ކުށުގެ ވެށީގައި އުޅުމުގެ ޖާގަ ތަނަވަސްވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އިމިގްރޭޝަނުން ބުނެފައި ވަނީ މިހާރުން މިހާރަށް މިކަމުގައި އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ މިކަމުގައި އަވަސް ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ކުށްކުރާ ބިދޭސީން އިތުރުވެފައިވާއިރު ގާނޫނީ ބޮޑެތި ކުށްތަކުގައި އެތައް ބިދޭސީން ފުލުހުންގެ ހައްޔަރުގައި އަދި ކަރެކްޝަނަލް ސާވިސަސްގެ ހައްޔަރުގައި އެބަތިއްބެވެ. އޭގެތެރޭގައި މީހުން މެރުމުގެ ކުށުގައްޔާއި، ޖިންސީ ގޯނާ އަދި ހަށި ވިއްކުމުގެ ކުށުގައި ގިނަ ބިދޭސީން ހައްޔަރުގައި ތިބި ކަން ފާހަގަކުރެވެ އެވެ.