އެމްޓީސީސީ

ރޯދަވީއްލުމަކާއެކު އެމްޓީސީސީއިން މީޑިއާއަށް ތައުރީފުކޮށްފި

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީން ރޯދަ ވީއްލުމެއް ބާއްވައި އެ ކުންފުންޏަށް ޕްރޮޖެކްޓްތައް ލިބުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މީޑިއާ ކަމަށް ބުނެ މީޑިއާއަށާއި ނޫސްވެރިންނަށް ތައުރީފު ކޮށްފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ވެސް ހަތަރު ބިލިއަން ރުފިޔާގެ މަޝްރޫއު ހިނގަ ހިނގާ އެބޮ އޮތެވެ. އެ ޕްރޮޖެކްޓްތައް ލިބުނީ މީޑިއާގެ މަސައްކަތުންނެވެ.

އެމްޓީސީސީން މީޑިއާއަށް އަމާޒުކޮށް ރޯދަ ވީއްލުމެއް ދިނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް ފާހަގަ ކުރާށެވެ. ކުރިން އެމްޓީސީސީން އެދުވަސް ފާހަކޮށެއް ނޫޅެ އެވެ.

އިއްޔެ މީޑިއާއަށް ގެންގޮސް ދިން ރޯދަ ވީއްލުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއަށް ޕްރޮޖެކްޓްތައް ލިބުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އޭނާ އަދި ވިދާޅުވި އެވެ:

"ކުންފުނި [އެމްޓީސީސީ] ހިންގުމުގެ ކަންތައް އިސްލާހު ކުރެވިގެން ދަނީ [މީޑިއާ] އިން މި ކުންފުނިން ކަންތައް ބަލަމުންދާތީ. އެހެންވެ މި ކުންފުނި ހިންގުމުގައި އެންމެ އިސް ދައުރެއް ކުޅުނީ މީޑިއާ،"

ސަރުކާރު ފިހާރަ، އެސްޓީއޯ އާއި ރައްޔިތު ފެންކުންފުނިން ހިންގަން ހުންނެވި އިރުވެސް މީޑިއާ އާއި ނޫސްވެރިންނާ ގާތް ގުޅުމެއް ބޭއްވެވި އާޒިމް ވިދާޅުވީ އެމްޓީސީސީގެ ފަންވަރު ސަރުކާރާއި ހިއްސާދާރުންނަށް އެނގުނީ ވެސް ނޫސްވެރިންގެ މަސައްކަތުން ކަމަށެވެ.

"އެމްޓީސީސީއަށް ކުރިން އާއްމު ގޮތެއްގައި އަހަރު މި ލިބެނީ އެއް ބިލިއަން ރުފިޔާގެ މަސައްކަތް. އެހެން ނަމަވެސް މީޑިއާ މެދުވެރިކޮށް ކުރި މަސައްކަތް ރައްޔިތުންނާ ހަމައަށް މައުލޫމާތު ގެނެވި އަޅުގަނޑުމެންގެ އެންމެ ބޮޑު ކަސްޓަމަރު ކަމަށްވާ ސަރުކާރާ ހަމައަށް މައުލޫމާތު ގެނެސް ދިނީމަ މަސައްކަތުގެ ސްޕީޑް އެނގުނީ. އެހެންވެ މިހާރު އެބަހުރި ހަތަރު ބިލިއަން ރުފިޔާގެ މަސައްކަތް ލިބިފަ. މިއީ އެމްޓީސީސީގެ ތާރީހުގައި ވެސް ލިބުނު ބޮޑު ކާމިޔާބީއެއް،" އާޒިމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެ ކުންފުނިން ބޭނުން ވަނީ ހުރިހާ ކަމެއް ވެސް މީޑިއާގައި ގެނެސް ދޭށެވެ.

"އެކަމެއް އޮންނަ ގޮތަށް އެކަމެއް ރިޕޯޓް ކޮށްދެއްވުން އެދެން. ހަގީގަތް ރިޕޯޓްކޮށްދިނީމަ އަޅުގަނޑުމެންނަށް ކަންތައް ރަނގަޅު ކުރަން ފުރުސަތު ލިބެނީ. ދެ ފަރާތުގެ ބަސް ހިމަނައިގެން ރިޕޯޓް ކޮށްދެއްވުމުން،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއާ އާޒިމް ހަވާލުވެ ވަޑައިގަތުމަށްފަހު ރަށު ބަނދަރުތަކާއި ނެރު ހެދުމާއި މަގު ހެދުން ހިމެނޭ ގޮތަށް ކުރާ މަސައްކަތުގެ އަޕްޑޭޓްތައް ޕަސެންޓޭޓުން ކޮންމެ ދުވަހަކު އާންމު ކުރެއެވެ. އަދި އެވާހަކަ ނޫސްތަކުން ކަވަރު ކުރެއެވެ.