ރާއްޖެ ކުޅިވަރު

ކަމެއް ދިމާވެއްޖެނަމަ ރާއްޖޭގައި ސަލާމަތެއް ނުވާނެ: ހޮންކޮންޓީމް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ހޮންކޮން ބުރާސްފަތި ދުވަހު ކުޅޭ މެޗަށް ރާއްޖެ އަންނަން ބިރު ގަންނަނީ އެއްވެސް ކަމެއްދިމާވެއްޖެނަމަ ސަލާމަތް ނުވެވިދާނެތީ ކަމަށް ހޮންކޮން ޓީމުން ބުނެފި އެވެ.

ހޮންކޮން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ލެއުން ހުންގ އެގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ މާލޭގައި މެޗު ކުޅެން އޭނާ ޖެހިލުންވަނީ ދެ ޓީމުގެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވިސްނޭތީ ކަމަށެވެ. މި ގޮތުން އޭނާ ވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮތްގޮތަކީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.

"ސްޓޭޑިއަމް އޮންނީ ވެރިރަށް މާލޭގައި. ވެރިރަށަކީ ކުޑަކުޑަ ރަށެއް. ސަރުކާރުގެ ހުރިހާ މައި އިދާރާތަކާއި ރައީސް އޮފީސް ވެސް ހުންނަނީ އެތަނުގައި. ފަހަރެއްގައި ވެސް ކަމެއް ދިމާވެއްޖެނަމަ އަހަރުމެން ސަލާމަތްވާނެ ގޮތެއް ނޯންނާނެ. ސަބަބަކީ އެއާޕޯޓް އޮންނަނީ އެހެން ރަށެއްގައި ކަމަށްވުން،" ލެއުން ވިދާޅުވި އެވެ.

ސަލާމަތީ ސަބަބުތައް މަތިކޮށްފައި ހޮންކޮން ޓީމު ވަނީ އެ ގައުމުގައި މެޗު ކުޅެން ހުށަހަޅައިފަ އެވެ. ނަމަވެސް ފީފާއިން އެކަން ގަބޫލު ނުކުރުމުން ހޮންކޮން ޓީމު މިހާރު ވަނީ މާލެ އަންނަން ނިންމައިފަ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މާލޭގައި މެޗު ކުޅެން ނިންމީ ދިވެހި ސަރުކާރުން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން އޮންނާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.