އިސްލާމިކް މިނިސްޓްރީ

ކުރު ތަރާވީހެއް، ދަމު ނަމާދަށްވެސް ދެވޭނެ

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމާއި ގުޅިގެން ތަރާވީސް ނަމާދު -- ތަރާވީހު ނަމާދު -- ކުރު ކުރަން ނިންމާ، ކާފިއު އޮތް ނަމަވެސް ދަމު ނަމާދަށް މިސްކިތްތަކަށް ދިއުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

ކޮވިޑް ކޭސްތައް ހިފެހެއްޓުމެއްނެތި އިތުރުވަމުންދާތީ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން ރޭގަނޑު 9:00 ފަތިހު 4:00 ކާފިއު ހިންގާނެ އެވެ. މި ވަގުތުތަކުގައި އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ.

މިއީ ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ކަމުން ތަރާވީސް ނަމާދާއި ދަމު ނަމާދުގެ ޖަމާއަތުގައި ބައިވެރިވާން ވަރަށް ގިނަ ބަޔަކު މިސްކިތްތަކަށް ގޮސް އުޅެއެވެ. އެހެން ކަމުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މިސްކިތުގެ ޖަމާއަތުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރެއިން ފެށިގެން ތަރާވީސް ނަމާދު 8:50 ގައި ނިންމަން ހުރިހާ އިމާމުންނަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. ހަތިމުކުރާ ގޮތަށް ތަރާވީސް ނަމާދު ކުރާ މިސްކިތްތަކުގައި މިހާރު ޖަމާއަތް ނިމެނީ 9:30 ގައެވެ.

"އަޅުގަނޑުމެން މި ނިންމީ މި ހާލަތުގައި މިހާރު 20 ރަކުއަތް ކުރާ މިސްކިތްތަކުގައި އަށް ރަކުއަތް ކުރަން އެންގުމަށް. އަދި ރަކުއަތުގެ އަދަދު މަދު ނުކުރި ނަމަވެސް އެންމެ ލަސްވެގެން 8:50 ގައި ތަރާވީސް ނަމާދު ނިންމާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދަމު ނަމާދުގެ ޖަމާއަތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު އޮންނާނެ އެވެ. މިިނިސްޓަރު ވިދާޅުވީ ދަމު ނަމާދަށްދާ މީހުންނަށް ފުލުހުން ހުއްދަ ދޭނެ ކަމަށާ ނަމަވެސް މިސްކިތަށް ވަޑައިގެންނެވޭނީ މައިމަގުގައި ކަަމަށެވެ.

މާލޭގެ ގިނަ މިސްކިތްތަކެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރެއެވެ. ނަމު ނަމާދުގެ ޖަމާއަތް ފަށަނީ މެންދަމު ދޭއް ޖަހާއިރު އެވެ.