މޯލްޑިވްސް ޕޮލިސް ސާވިސް

ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގެ ތަހުގީގު ބޮޑު އިސްކަމެއްދީގެން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ރައީސް ނަޝީދަށް ވަނީ އަނިޔާވެސްވެފައެވެ. އެމަނިކުފާނަށް މިވަގުތު އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެއްޗެއް ގޮވާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކަމަށް އެނގިފައިވެއެވެ.

ފުލުހުން ދެންމެ ބުނީ މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް ލެވެލް 3 އަށް މަތިކޮށްފައިވާ ކަމަށެވެ. އަދި ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިރޭގެ ހާދިސާއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެލާޓް ސްޓޭޓަސްވެސް ވަނީ މަތިކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަމުން އަންނަ ކަމަަށެވެ.

އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައި ކަމަށެވެ.