އާ އަހަރެއްގެ ކުރީކޮޅަކީ ފިލްމީ ދާއިރާގެ ތަރިން އެ ދުވަސްވަރަކަށް އެންމެ އިންތިޒާރުކުރާ އެވާޑް ހަފްލާތައް އޮންނަ ދުވަސްވަރެވެ. ބޮލީވުޑްގެ ދެއެވާޑް ހަފްލާއެއް މިއަހަރު ފެނިގެންދިޔައިރު މިހާރު މިވަނީ އެންމެ މަޝްހޫރު އަދި ދުވަސްވީ އެއް އެވާޑް ކަމަށްވާ ސްކްރީން އެވާޑްގެ ނޮމިނޭޝަން އިޢުލާން ކޮށްފައެވެ.
މިއީ މިއަހަރު މިހާތަނަށް ފެނިގެންދިޔަ އެންމެ ޚައިރާންކުރުވަނިވި ލިސްޓުކަން ފާހަގަކޮށްލެވެއެވެ.
ފިލްމް ކުއީން 13 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވާއިރު ކިކް ، މަރްދާނީ އަދި ހައިވޭ އަށް ލިބިފައިވަނީ 10 ނޮމިނޭޝަނެވެ. ހައިދަރު އަދި ޕްރިޔަންކާ ޗޯޕްރާގެ މެރިކޮމްއަށް ލިބުނީ ހަތް ނޮމިނޭޝަނެވެ. އަހަރުގެ އެންމެ ވިޔަފާރި ރަގަޅު އަދި އެންމ ބޮޑ ބަޖެޓުން ހަދާފައިވާ ފިލްމު ޕީކޭއަށް އަށް ނޮމިނޭޝަން ލިބިފައިވާއިރު ބަޖެޓް ކުޑަ ފިލްމު "އަގްލީ"އަށް ވެސް މިވަނީ އަށް ނޮމިނޭޝަން ލިބިފައެވެ.
މި ނޮމިނޭޝަންތަކަށް ބަލާލާއިރު އެންމެ މޮޅު އެކްޓަރުގެ މަގާމަށް ވާދަކުރަމުންދަނީ އަހަރުގެ އެންމެ ވިޔަފާރި ރަގަޅު ފިލްމު "ޕީކޭ" އިން އާމިރު ޚާންއެވެ. އާމިރު ޚާނާއި އެކު މި މަގާމަށް ފިލްމު "ބޭންގް ބޭންގް" އިން ރިތިކް ރޯޝަން އަދި "ހެޕީ ނިއު އިޔާރ" އިން ޝާޚް ރުކް ޚާން ވާދަކުރެއެވެ. މިތިން ތަރިންނާއެކު "ހައިދަރު" ގެ ތަރި ޝާޚިދު ކަޕޫރާއި "ހައިވޭ" ގެ ތަރި ރަންދީޕް ހޫދާ އަދި މިހާރު އެންމެ ވިދަމުން އަންނަ އެކްޓަރު ވަރުން ދަވަން ފިލްމު "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ" އިން ވަނީ ނޮމިނޭޓްވެފައެވެ. އެންމެ ނަން މަޝްހޫރު ތަރިންނާ އެއްފަންތީގައި މިއެވާޑަށް ވާދަކުރާ އެންމެ ވާދަވެރި އެއްތަރިއަކީ "އާންކޯ ދޭކީ" އެިން ސަންޖޭ މިޝްރާއެވެ.
އެކްޓަރަށްފަހު މިއޮތީ އެކްޓްރެސްއެވެ. ކަންގަނާ ރަނައުތަކީ މިއަހަރުގެ ހުރިހާ އެވާޑެއް ހައްގު ތަރި ކަމަށް ގިނަބަޔަކު ބުނަމުންދާއިރު އޭނާ ދާދިފަހުން ދިން އިންޓަވިއުއެއްގައި އެވާޑަކީ އެއްވެސް މާނައެއް އޮތްއެއްޗެއް ނޫންކަމަށް އޭނާ މިވަނީ ބުނެފައެވެ. އެހެން ނަމަވެސް ފިލްމު "ކުއީން" ގައި އޭނާ ދައްކުވައިދީފައިވާ ތަފާތު އެކްޓިންނަށް މިވަނީ މިއަހަރުގެ އެވާޑްތައް ވަރަށް ހޫނު މަރުހަބާއެއްކިޔާފައެވެ. ކަންގަނާއި އެކުގައި މިދިޔަ އަހަރުގެ ހުރިހާ އެވާޑެއް ހިއްލާލި ދީޕިކާ ޕަޑުކޯން މި ކެޓަގަރީން މިއަހަރު ނޮމިނޭޓްވެފައިވަނީ ފިލްމު "ފައިންޑިން ފެނީ" އިންނެވެ.
އެންމެ މޮޅު އެކްޓްރެސަށް އަހަރުތަކަކަށްފަހު ރާނީ މުކަރްޖީވެސް މިވަނީ ފިލްމު "މަރްދާނީ" އިން ނޮމިނޭޝަނެއް ހޯދާފައެވެ. އަދި "މެރީކޮމް" އާއި އެކު މިއަހަރުގެ އެވާޑްހަފްލާތައް ގުގުމާލާނޭ ކަމަށް ގިނަބަޔަކު ބުނަމުންދިޔަ ޕްރިޔާންކާ އާއި އެކު "ހައިވޭ" ގެ ތަފާތު މޮޅު އެކްޓިންގ އިން އާލިޔާ ބަޓްވެސް މި ލިސްޓުގައި ހިމެނެއެވެ. މިތަރިންގެ އިތުރުން 2014 ވަނަ އަހަރު އެންމެ ގިން ފިލްމުތަކުން ފެނިގެންދިޔަ ތަރި ޕަރީނީތީ ޗޯޕްރާވެސް މިވަނީ ފިލްމު "ހަސީތޯ ޕަސީއިން" ނޮމިނޭޓްވެފައެވެ.
އެންމެ މޮޅު ފިލްމުގެ ލިސްޓަކީ މި އެވާޑުން ފާހަގަކޮށްލެވޭ އެންމެ ތަފާތު އެއްކަމެވެ. ކާމިޔާބު ފިލްމުތަކަށްވުރެ މޮޅު ފިލްމުތައް ހިމެނޭކަން ފާހަގަކުރެވެއެވެ. ކާމިޔާބު ފިލްމުތަކުގެ ތެރެއިން "ޕީކޭ" އަދި މިއަހަރު އެންމެ ގަދަޔަށް އެފިލްމެއްގެ ވާހަކަދެކެވުނު އެއްފިލްމު "ކުއީން" ނޮމިނޭޓްވެފައިވާކަން ފާހަގަކުރެވެއެވެ. ދެން ފާހަގަކުރެވެނީ ފިލްމީ ފާޑުކިއުންތެރިން އެންމެ ކަމުދާކަމަށް ބުނަމުންދިޔަ ފިލްމުތައް ނޮމިނޭޓްވެފައިވާ ކަމެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ "އާންކޯ ދޭކީ" އާއި ތަފާތު ރަހަތަކަކާއި އެކު އާލިޔާ އަދި ރަންދީޕް ހޫދާ ފެނިގެންދިޔަ "ހައިވޭ" ގެ އިތުރުން ޝާޚިދު ކަޕޫރުގެ އެންމެ މޮޅު ހުނަރު ފެނިގެންދިޔަ "ހައިދަރު" އާއި ކުޑަކުއްޖެއް ކިޑްނެޕްކޮށްގެން ދިމާވާ ހާދިސާތަކެއް ދައްކުވައިދީފައިވާ "އަގްލީ" އެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ ނޮމިނޭޝަން ލިސްޓުގައިވެސް ވަނީ މިފިލްމުތަކުގެ ޑައިރެކްޓަރުންނެވެ.