ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމަޒުކޮށް ރޭ ދިނީ ޓެރަރިޒަމް ހަމަލާއެއް ކަމަށާއި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމަލާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޭގެ މައުލޫމާތާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި ހަމަލާއާއި ގުޅުންހުރި ކަމަށް ބެލެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާތީ އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސީޕީ ވިދާޅުވި ގޮތުގައި ޝައްކު ކުރެވޭ މީހުންގެ ހަރަކާތްތައް ބެލި، އެމީހުންނަށް ފުރައިގެން ނުދެވޭނެހެން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ބަޔަކަށް ޝައްކު ކުރެވުނު ނަމަވެސް މީހަކު ހައްޔަރު ކުރެވޭނީ އެމީހުންގެ މައްޗަށް ހެކިތަކެއް ހޯދިގެން ކަމުގައިވެސް ވިދާޅުވި އެވެ. ޕްރޮސެކިއުޓާ ޖެނަރަލާ ގުޅިގެން ތަހުގީގަށް ކުރިއަށްދާ ކަމާއި ޝައްކު ކުރެވޭ މީހުން ހައްޔަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ހިނގަމުންދާ ކަން ފާހަަގަކުރެއްވި އެވެ.
ރޭގައި ދިން ފަދަ ހަމަލާއެއް ދިނުމުގެ ގާބިލްކަން ލިބިފައި ތިބި ބަޔަކު މުޖުތަމައުގެ ތެރޭގައި އަދިވެސް އެބަތިބި ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.
"މިފަދަ އަމަލުތައް ހިންގުމުގެ ގާބިލްކަން ހުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން އެއީ އެއްބަސްވާ ކަމެއް. ޝަރީއަތުގެ މަރުހަލާއިން، ސާބިތުނުވެގެން ނުވެގެން ނުވަތަ ހެކި ނެތިގެން ވިޔަސް ސަލާމަތްވެގެން އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ވެސް އެ މީހުން އެބައުޅޭ. އަދި ޖަލުތަކުގައި ވެސް އެބަތިބި."
ފުލުހުންނަށް ރޭގެ ހަމަލާއާއި ގުޅޭ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ކުރިން ހިއްސާކޮށްފައި ނުވާ ކަން ތަކުރާރުކޮށް ސީޕީ ފާހަގަކުރެއްވި އެވެ. އެކަމަކު އިންޓެލިޖެންސް މައުލޫމާތު ލިބުމުގައި ހުއްޓުމެއް ނެތް ކަން ޔަގީންކޮށްދެއްވި އެވެ. ތަހުގީގުގައި ފުލުހުންނަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި އެގޮތުން މައްސަލައިގެ ތަހުގީގަށް 400 އާ ގާތް ކުރާ އަދަދަކަށް ފުލުހުން ބައިވެރިވާ ކަމަށެވެ.
ގޮއްވާލާފައިވާ ޑިވައިސްގެ މައުލޫމާތު ހިއްސާ ކުރައްވަމުން ސީޕީ ވިދާޅުވީ މިލިޓަރީ ލެވެލްގެ އާލާތްތަކެއް ގޮވި އެތީގައި ނެތް ކަމަށެވެ. އެކަމަކު ގޮއްވުމަށް ބޭނުން ކުރާ އާލާތްތައް ބޭނުން ކޮށްފައި އެބަހުރި ކަމަށާއި އޭގެ އިތުރު މައުލޫމާތުތައް ފަހުން އާންމު ކުރާނެ ކަމަށެވެ. ގޮއްވާލި އެތީގެ އެނާލިސިސްތައް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރޭގެ ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް ސީޕީ ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ހާލަތެއް ނެތެވެ. ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަން ލެވެލް މަތި ކުރެވިފައިވާ ކަން ފާހަގަކުރެއްވި އެވެ.
ރޭގެ ހަމަލާ ތަހުގީގުކުރުމުގައި އިނގިރޭސިވިލާތުގެ ކަމާ ގުޅޭ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން ފުލުހުންގެ ތަހުގީގަށް މިހާރުވެސް ލިބެމުންދާ ކަމަށްވެސް ސީޕީ ވަނީ ހާމަކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރޭ އިއުލާންކުރެއްވި ގޮތަށް އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ބޭފުޅުން މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރޭގެ ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު އެ ހަމަލާ އަކީ ޓެރަރިޒަމަށް ފެތޭ ހަމަލާއެއް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރަނީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ހަމަލާ ދިނުމުގައި ގޮއްވާލި އެތި ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތު މިހާރު ވަނީ ލިބިފަ އެވެ. ނަމަވެސް ތަހުގީގީ މި މަރުހަލާގައި އެކަމާ ގުޅޭގޮތުން ތަފްސީލް ހިއްސާކުރަން ދަތި ކަމަށެވެ.