ޓޫރިޒަމް

އަންނަ އަހަރު 20 ރިސޯޓެއްގެ މަަސައްކަތް ފަށަނީ

  • އަމާޒަކީ ފަސް އަހަރު ތެރޭގައި 50 ރިސޯޓު ހުޅުވުން
  • އަންނަ އަހަރު ކުރީކޮޅު ފަސް ރިސޯޓެއް ހުޅުވާނެ

އަންނަ އަހަރު ރާއްޖޭގައި 20 ރިސޯޓުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނސިްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމާ ދާދިފަހުން ހަވާލުވެ ވަޑައިގެންނެވި ޒަމީރު ވިދާޅުވީ ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެވޯޑްކޮށްފައި ހުރި ރިސޯޓުތަކުގެ ތެރެއިން އިންވެސްޓަރުންނާ ވާހަކަ ދައްކައިގެން، ފެސިލިޓޭޓް ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ބަޖެޓަށް ބަލައިފިނަމަ އިތުރު ޓޫރިޒަމް ޕްރޮޑަކްޓް ވެސް ހުންނާނެ. އަޅުގަނޑުމެން ގަބޫކުރާ ގޮތުގައި އެހެން ނޫނީ މި ޖެހެނީ ޓެކްސްތައް މަތިކުރުން. ރައީސް އަބްދުﷲ ޔާމީންގެ ޓެކްސްތައް އިތުރު ކުރުމުގެ ބަދަލުގައި ޓެކްސް ދައްކާ ރިސޯޓުތައް އިތުރު ކުރުން. އެއީ އަސްލުގައި ޓޫރިޒަމް ސެކްޓާ ޑިވްލޮޕް ކުރުމަކީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި މަސައްކަތް ކުރަމުދާ ރިސޯޓުތަކުގެ ތެރެއިން އިތުރު ފަސް ރިސޯޓެއް އަންނަ އަހަރު ކުރީކޮޅު ހުޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓް ކުރެވެނީ ފަސް އަހަރު ތެރޭގައި 50 ރިސޯޓު ހުޅުވުން. މިހާރު ކަންކަން ހިނގައިގަންނަ ގޮތަށް ބަލާއިރު އެއީ ނުކުރެވޭނެ ކަމެއް ނޫން. ރައީސް ޔާމީންގެ އެންމެ ބޮޑު ވައުދަކީ ޒުވާނުންނަށް ވަޒީފާ އިތުރު ކުރުން. މި ވަޒީފާ ލިބިގެން އިކޮނޮމީ އެންމެ ބޮޑަށް އެކްސްޕެންޑް ވަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓު ހުޅުވިގެންދާއިރު އެއާޕޯޓު ވެސް ތަރައްގީ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަކީ ރާއްޖޭގެ އުތުރުގައި ތިބި މީހުން ދެކުނަށް ގެނައުމުގެ ބަދަލުގައި އެދިމަ ދިމާލުން ވަޒީފާތައް އުފެއްދުން،" ޒަމީރު ވިދާޅުވި އެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި ބެޑް ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން މެދު ފަންތީގެ އެނދުތަކެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ. ލ. ބަރެސްދޫގައި ފަށާފައިވާ "ގެސްޓް ހައުސް އައިލެންޑް" މަޝްރޫއުގެ ދަށުން 20،000 އެނދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.