ރާއްޖޭގައި ޓެރަރިސްޓް ހަމަލާތަކެއް ދިނުމުގެ ގާބިލްކަން ލިބިފައި ތިބި ބަޔަކު މުޖުތަމައު ތެރޭގައި މިނިވަންކަމާ އެކު އަދިވެސް އުޅެމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދީފައިވާ ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ސީޕީ ހަމީދު ވިދާޅުވީ އަޅުގަނޑުމެން ދިރިއުޅެނީ މުޖުތަމައެއްގައި ތެރޭގައި ކަމަށްވާތީ ހުރިހާ ވައްތަރެއްގެ މީހުން ވެސް އަދި ހުރިހާ ވައްތަރެއްގެ ނުރައްކާތައް ވެސް ހުންނާނެ ކަމަށެވެ. ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން އޮތް މުއައްސަސާއެއް ކަމަށްވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގެ ތެރޭގައި މިފަދަ ނުރައްކާތެރި ކަންތައްތައް ކުރެވޭނެ ކަހަލަ ގާބިލް ފަރާތްތައް ތިބިކަން އެއީ އަޅުގަނޑުމެން މިއަދު ދެބަސްވާ ކަމެއް ނޫން. ބައެއް ފަރާތްތައް ޖަލުތަކުގައި. އަނެއް ފަރާތްތަކެއް އަދި ހަމަ ވަރަށް ގިނަ ފަރާތްތަކެއް މިނިވަންކަމާ އެކު އެބައުޅޭ. ބައެއް ހާލަތްތަކުގައި ޝަރީއަތުން ކުށް ސާބިތު ނުވެގެން ނުވަތަ އެފަރާތްތަކުގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ހަމަ މިނިވަން ރައްޔިތުންގެ ގޮތުގައި ހަރަކާތްތެރިވަމުންދޭ،" ނުރައްކާތެރި ކުށްވެރިންތަކެއް ދޫވެފައި ތިބިކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.
ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ބަލައި ޖިނާއީ ތަހުގީގުކޮށް ހައްޔަރުކުރުުގެ ބާރު ފުލުހުންނަށް ލިބިފައިވީ ނަމަވެސް ނުރައްކާތެރި ކުށްވެރިންނާ ދޭތެރޭ ވެސް އަމަލުކުރެވެން އޮތީ ގާނޫނީ އޮނިގަނޑު ތެރެއިން ކަމަށް ސީޕީ ވިދާޅުވި އެވެ. ބައެއް ކުށްވެރިންގެ ނުރައްކާތެރިކަމާއި އެމީހުންގެ މައުލޫމާތު ފުލުހުންގެ އަތުގައި ހުރި ނަމަވެސް އެ މައުލޫމާތު ހެއްކަން ބަދަލު ނުކުރެވޭހާ ހިނދަކު އެއްވެސް މީހަކު ހައްޔަރުކުރެވެން ނޯންނާނެ ކަންވެސް ތަކުރާރުކުރެއްވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ގާބިލްކަން ހުރި ބަޔަކު މުޖުތަމައުގައި ތިބި ނަމަވެސް އެފަދަ ހަމަލާއެއް ނުދޭނެ ކަން ކަށަވަރުކުރުމަށްޓަކައި ސިފައިންނާ ފުލުހުން މާލެ ސަރަހައްދުގައި ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން ރޭގެ ހަމަލާއަށްފަހު ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް މަތިކޮށްފައިވާތީ މިއީ ކުއްލި ހާލަތު އިއުލާން ކުރަންޖެހޭ ވަގުތެއް ކަމަކަށް ވެސް ސީޕީ ދެކެވަޑައެއް ނުގަންނަވަ އެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގެ ތެރޭގައި މިފަދަ ނުރައްކާތެރި ކަންތައްތައް ކުރެވޭނެ ކަހަލަ ގާބިލް ފަރާތްތައް ތިބިކަން އެއީ އަޅުގަނޑުމެން މިއަދު ދެބަސްވާ ކަމެއް ނޫން. ބައެއް ފަރާތްތައް ޖަލުތަކުގައި. އަނެއް ފަރާތްތަކެއް އަދި ހަމަ ވަރަށް ގިނަ ފަރާތްތަކެއް މިނިވަންކަމާ އެކު އެބައުޅޭމުހައްމަދު ހަމީދު | ކޮމިޝަނާ އޮފް ޕޮލިސް
ފުލުހުންނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަށް ބަލައިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަބަދުވެސް އަޅަމުންދާ ކަންވެސް ސީޕީ ފާހަގަކުރެއްވި އެވެ. އެކަމަކު ރޭގައި ދިން ހަމަލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ރޭގެ ހަމަލާއާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިފައިވާ ކަންވެސް ތަހުގީގަށް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.