ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ދެ މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހަމަލާއާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ އެ ހަމަލާ ދިން ކަމަށް ބުނާ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އިން ފެށިގެން ދައުރުވަމުން ދަނިކޮށެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ އެ މީހާ ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުވުމުގައި އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ. ހަމަލާއާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ. އެގޮތަށް އަމަލުކުރުމުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅި ހަމަލާއާއި ގުޅިގެން އަނިޔާ ލިބުނު މީހުންނަށް ހިތްދަތިކަން ލިބޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ހަމަލާއާއި ގުޅުންހުރި ދެ މީހަކު ހައްޔަރުކޮށް މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ފުލުހުން މިހާރު ގެންދަނީ ބަލައި ފާސްކުރަމުންނެވެ.

ހަމަލާ ދިން ކަމުގެ ތުހުމަތުގައި އެކަކު ހައްޔަރުކުރީ މީގެ ތެރެއިން އެކަކު ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުންނަ ގ. ފެހިދޯދިގޭގެ ކުއްޔަށް ދީފައިވާ ތަނަކުންނެވެ. އެ މީހާ ހައްޔަރުކުރި ސަރަހައްދުން ސައިކަލެއް ވެސް ފުލުހުން ގެންގޮސްފައިވެ އެވެ. ދެވަނަ މީހަކު ހައްޔަރުކުރީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅިންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންގޮސްފައި މިވަނީ ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

އެމްއެންޑީއެފުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ވަރަށް ބާރުގަދަ "ހޯމް މޭޑް އީއައިޑީއެއް" ކަމަށެވެ. ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އީއައިޑީ އަށް ވުރެ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ގޮއްވާލި އީއައިޑީގެ ބާރު މާބޮޑަށްވެސް ގަދަ ކަމުގައިވެސް ޝަމާލް ވިދާޅުވި އެވެ.

މިހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނީލޯފަރު މަގުގައި ހުންނަ ރައީސް ނަޝީދުގެ ގެކޮޅު:، ގ. ކެނެރީގެއިން އެމަނިކުފާނު ނިކުމެވަޑައިގެން މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް އެރޭ 8:27 ހާއިރު އެވެ.

ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ހަތަރު ސާޖަރީއެއް ހެދުމަށްފަހު މިވަގުތު އެމަނިކުފާނަށް ފަރުވާ ދެމުންދަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.