ޑރ. އަބްދުﷲ މައުސޫމް

ހަމަލާއިން ޓޫރިޒަމަށް ކުރާ އަސަރު ކުޑަކުރަން މަސައްކަތް ކުރަނީ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރި އަސަރު ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު އަވަސް އަށް ވިދާޅުވީ ކުރިން އުއްމީދު ކުރީ މި އަހަރުގެ ހޫނު މޫސުމުގައި ރާއްޖެ އަށް ވަރަށް ކާމިޔާބު ދުވަސްތަކަކަށް ވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދަނިކޮށް މާލޭގައި ގޮއްވާލި އައިއީޑީގެ ސަބަބުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާ، އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސުނާމީ އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އޮތީ މިގޮތަށް ކުރިމަތިވެދާނެ ހާދިސާ ތަކަށް ތައްޔާރުވެފައި ކަމަށެވެ.

"އިންޑަސްޓްރީ އާއި ސަރުކާރު އަދި ރައްޔިތުން ގުޅިގެން މިމަސައްކަތް ކުރަމުން ގެންދާނީ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަމަލާއާ ގުޅިގެން ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށާ، އެހެންވެ އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ރާއްޖެއަކީ އަދިވެސް އެންމެ ރައްކާތެރި މަންޒިލް ކަމަށް ބުނެދިނުމާ ގުޅޭ މެސެޖު ދިނުމަށް ކަމަށެވެ.

"ކޮވިޑް-19 ގެ ހާލަތުގައި ވެސް އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މިއޮތީ ރައްޖޭގެ ރައްތައް އުފެދިފައިވާ ގޮތުން ރާއްޖެ. އެހެންވެ އެ މެސެޖު ދޭން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވާއިރު އެފަދަ ހަމަލާއެއް ތަކުރާރު ވެއްޖެނަމަ ލިބޭ ގެއްލުން މާބޮޑު ވެގެން ދާނެ ކަމަށެވެ.

"އެހެންވެ އެންމެން ގުޅިގެން މިފަދަ ކަމެއް ވިޔަ ނުދޭން މަސައްކަތް ކުރަންވީ. އެކަމަށްޓަކައި މަސައްކަތް ކުރަންވީ،" މައުސޫމް ވިދާޅުވި އެވެ.

މާލޭގައި ހުކުރު ދުވަހުގެ ރޭ ގޮއްވާލި އައިއީޑީ އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކް ސަރަހައްދުގައި ދިން ބޮމުގެ ހަމަލާއަށްފަހު ވެރިރަށް މާލޭގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. މި ހަމަލާގެ ސަބަބުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ މަނިފާނުގެ ބޮޑީގާޑުންނާއި ބައެއް އާއްމުންނަށް ވެސް ގެއްލުން ލިބިފައިވެ އެވެ.