ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް މިހެން ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
ޕީޖީ ވިދާޅުވީ ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ކޮންމެވެސް މަގުސަދެއް އޮންނަން ޖެހޭ ކަމަށާއި މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ފާހަގަވި ގޮތުގައި މި ހަމަލާ އާއި ހަރުކަށި ފިކުރާއި ގުޅުމެއްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ތަހުގީގުގައި އިސްކަމެއް ދީގެން ބައްލަވާނެ ކަމަށެވެ.
ހަރުކަށި ފިކުރާ ގުޅުން ހުރި ކަންތައްތަކެއް ފާހަގަވެފައިވީ ނަމަވެސް ހަމަލާ އާއި އެހެން ކަމެއްވެސް ގުޅިފައި އޮވެދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ތަހުގީގަށް ފާހަގަވެފައިވާ ލިންކްތަކަކީ ކޮން ގޮތަކަށް ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއްކަން ވިދާޅުވާން މިވަގުތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަން ދަންނަވަން ވެސް އަދި ތަހުގީގުގެ މިމަރުހަލާގައި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ހަމަލާއާއި ގުޅުންހުރި ދެ މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމީހުންގެ މައުލޫމާތުވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ މުޖާޒް އަހްމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުންނެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ތަހުގީގަށް ހަތަރު މީހަކު ފާހަގަވެފައިވީ ނަމަވެސް ތުހުމަތު ކުރެވޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ. ހައްޔަރުކުރި ދެމީހުން ފިޔަވައި ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތުވެސް މިއަދު އާންމު ކުރިއެވެ. ސީޕީ ވިދާޅުވީ އެ މީހާއަކީ މި ހަމަލާއާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހާ ކަަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ އަދަދު ކަމަށް ވިދާޅުވެ އެމަނިކުފާނު މީގެކުރިން ހާމަކުރި އަދަދަށް ވުރެ ވެސް ގިނަ މީހުން މިހާރު އެ ފިކުރަށް އުޅޭ ކަމަށް ބެލެވިދާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ވާހަކަފުޅެއް ވިދާޅުވެފައެއް ނުވެ އެވެ.