ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު އާންމުކޮށްފި

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު އާންމުކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ބުނެފައިވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު ކަަމަށެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީވެސް ކުށުގެ ރެކޯޑްތަކެއް އޮތް ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.

އެ ދެ މީހުންގެ މައުލޫމާތު އިތުރަށް ހިއްސާކުރަމުން އޭސީޕީ ރިޔާޒު ވިދާޅުވީ މއ. ފޭރުގެ މުޖާޒް އަހުމަދުގެ މައްޗަށް ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގެ ތުހުމަތު އެބައޮތް ކަމަށާ އޭނާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މުޖާޒު ހައްޔަރުކޮށްފައިވަނީ ހަމަލާދިން ސަރަހައްދުން ފާހަގަކުރެވިގެން ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"އެހެން ނަމަވެސް މީނާ [މުޖާޒް] އަކީ ހަމަލާ ހިނގި ސަރަހައްދާ ޑައިރެކްޓް ގުޅުމެއް އޮތް މީހެއް ކަަމަށް އަޅުގަނޑުމެންނަށް ތުހުކުރެވިގެން މީނާ ހައްޔަރުކުރީ. އަދި މި ހާދިސާއާ މީނާއާ ގުޅުން އޮތް ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ،" ރިޔާޒު ވިދާޅުވިއެވެ

އޭސީޕީ ރިޔާޒު ވިދާޅުވީ އެއްޗެއް ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ނަންބަރު ބޯޑް ބަދަލުކޮށްފައިވާ ކަމަށާ ސައިކަލުގެ އިންޖީނު ނަންބަރު ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ މަސައްކަތުން ވަނީ އިންޖީނު ނަންބަރު ހޯދާފައެވެ. ސައިކަލުގެ ވެރި ފަރާތް ދެނެގެންފައިވަނީ އެ މައުލޫމާތުތަކުގެ އަލީގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބުނީ ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފާހަގަކުރެވި އެ މީހުންގެ ހަރަކާތްތަކަށް ފާރަވެރިވަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަކާ ބެހޭ މާގިނަ މައުލޫމާތުތަކެއް ލިބިފައި ނެތް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.