ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަތަމާ ޕެލަސް ކަައިރީގައި ހުރި މީހާ އަދިވެސް ހޯދިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އާންމުކޮށްފައިވާ ފޮޓޯއަކީ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވެފައިވާ މީހެއްގެ ފޮޓޯއެކެވެ. އެމީހާ ދުވެފައިދާ މަންޒަރާއި އަދި ވަކި ހިސާބަކަށް ގޮސް އަރައިގެން ހުރި ފައިވާން އަތަށް ނެގުމަށް ފަހު ދުވެފައިދާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެކަކީ މިއީ ކަަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރު މިހާތަނަށް ދެނެގެވިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
"ހަގީގަތުގައި މީނައަކީ [ފޮޓޯގައިވާ މީހާ] ދިވެހި ފުލުހުން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު ފަރާތް މި މައްސަލައާ ގުޅިގެން. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހާދިސާއާ ގުޅުންހުރި ފޮޓޯއާއި އަދި މީނަ ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ. ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.
އެ ދެ މީހުންގެ މައުލޫމާތު އިތުރަށް ހިއްސާކުރަމުން އޭސީޕީ ރިޔާޒު ވިދާޅުވީ މއ. ފޭރުގެ މުޖާޒް އަހުމަދުގެ މައްޗަށް ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގެ ތުހުމަތު އެބައޮތް ކަމަށާ އޭނާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މުޖާޒު ހައްޔަރުކޮށްފައިވަނީ ހަމަލާދިން ސަރަހައްދުން ފާހަގަކުރެވިގެން ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
"އެހެން ނަމަވެސް މީނާ [މުޖާޒް] އަކީ ހަމަލާ ހިނގި ސަރަހައްދާ ޑައިރެކްޓް ގުޅުމެއް އޮތް މީހެއް ކަަމަށް އަޅުގަނޑުމެންނަށް ތުހުކުރެވިގެން މީނާ ހައްޔަރުކުރީ. އަދި މި ހާދިސާއާ މީނާއާ ގުޅުން އޮތް ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ،" ރިޔާޒު ވިދާޅުވިއެވެ
އޭސީޕީ ރިޔާޒު ވިދާޅުވީ އެއްޗެއް ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ނަންބަރު ބޯޑް ބަދަލުކޮށްފައިވާ ކަމަށާ ސައިކަލުގެ އިންޖީނު ނަންބަރު ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ މަސައްކަތުން ވަނީ އިންޖީނު ނަންބަރު ހޯދާފައެވެ. ސައިކަލުގެ ވެރި ފަރާތް ދެނެގެންފައިވަނީ އެ މައުލޫމާތުތަކުގެ އަލީގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބުނީ ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފާހަގަކުރެވި އެ މީހުންގެ ހަރަކާތްތަކަށް ފާރަވެރިވަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަކާ ބެހޭ މާގިނަ މައުލޫމާތުތަކެއް ލިބިފައި ނެތް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.