ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ފުލުހުން ހޯދަން ބޭނުންވާ އެންމެ މުހިއްމު މީހާ ހައްޔަރު ކޮށްފި އެވެ.
އޭނާ މިއަދު ހެނދުނު ހައްޔަރުކުރީ ފުލުހުންގެ އެސްއޯ ޓީމާއި ސްވަޓް ޓީމުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ފްލެޓެއްގެ ތެރޭގައި ހުއްޓަ އެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ހުޅުމާލެ އިން މިއަދު ހައްޔަރުކުރި މީހާއަކީ ހަމަލާއާއި ގުޅިގެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހާ ކަމަށެވެ. އެކަމަކު އޭނާ ހޯދާ ވަކި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހަމަލާއާއި ގުޅިގެން ހަތަރު ވަނަ މީހަކު ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެމީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަަދު ހަމީދު އިއްޔެ ވިދާޅުވީ ހަމަލާއާއި ގުޅިގެން ހައްޔަރު ކުރަން ޖެހޭ މީހުން އަދިވެސް އިތުރަށް ތިބެދާނެ ކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން އިއްޔެ ވެސް ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.