އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ އާއިލާއާއެކު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ނައިބް ރައީސް ކަމާ އަލަށް ހަވާލުވެވަޑައިގެންނެވި އަލީ ޒާހިރު ވިދާޅުވީ ޑރ. މައުރޫފު ޕާޓީގެ ނައިބް ރައީސް ކަމުން އިސްތިއުފާ ދެއްވީ އާއިލާއާއެކު ރާއްޖެއިން ބޭރަށް ބަދަލުވެވަޑައިގަންނަވާތީ ޕާޓީގެ ނައިބް ރައީސްގެ ޒިންމާ އުފުލެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ ކަމަށެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދައުރުގެ މެދު ތެރެއިން ނައިބް ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ޕާޓީގެ ރައީސް ހުށަހަޅުއްވާ ނަމަކާ މެދު މަޝްވަރާ މަޖިލީހުގައި ބަހުސް ކުރުމަށްފަހު އެ މަގާމަށް އެބޭފުޅަކު އައްޔަން ކުރެވިދާނެއެވެ. މަޝްވަރާ މަޖިލީހުން އައްޔަން ކުރައްވާ ބޭފުޅަކަށް އެދައުރު ހަމަވަންދެން މަގާމުގައި ދެމި ހުންނެވޭނެއެވެ.
އަލީ ޒާހިރު އަދާލަތުގެ ނައިބް ރައީސަކަށް އައްޔަންކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.