ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

May 9, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން އަދުހަމްގެ އިތުރުން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

މުޖާޒު އިއްޔެ ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުންނެވެ. ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރިޔާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ އިންނެވެ. އަދި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ބުނާ އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ކުށުގެ ރެކޯޑް އެބަހުރި ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި، ވައްކަމުގެ ކުށުގެ ރެކޯޑް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އަދި މި ތިން މީހުންނަކީ ހަރުކަށި ފިކުރާ ގުޅިފައިވާ މީހުން ކަމަށްވެސް ބުނެފައިވެ އެވެ.