ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ގޭ ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ދޫކޮށްލުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އާ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ގާނޫނު އަސާސީން އާންމުކޮށް ލިބިދޭ އަސާސީ ބައެއް ހައްގުތައް ހިފަހައްޓައި، ބޭރު މީހުންގެ ނަޒަރުގައި ރާއްޖެ ބަލިކަށިކޮށް ފެންނަން އޮންނަ ފަދަ ހާލަތެއްގައި ރާއްޖެ އޮތުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ވީ އެންމެ އަވަހަކަށް އުވާލަން އެޕާޓީން ގޮވާލައްވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާ ނުސީދާ ގޮތުން ލިބޭ ކަމަށާއި މި ހާލަތާއި ގުޅިގެން ބޭރުގެ ގައުމުތަކުން ރާއްޖެއާމެދު ދެކޭ ގޮތް ބަދަލުވެ، ގައުމުތަކާ އޮންނަ ގުޅުން ކެނޑިގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ދުނިޔެ އެއްގައި އެކަނިވެފައި އޮންނަން ޖެހުމަކީ ރާއްޖެއަށް ބޮޑު ނިކަމެތިކަމެއް ލިބިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހާލަތުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް އަޅުގަނޑުމެންގެ ފަރާތުން ދައުލަތަށް ގޮވާލަން ރާއްޖެ ވީހާވެސް އަވަހަކަށް އާންމު ހާލަތަކަށް ގެންނަން. ގައުމަށް ނުރައްކަލެއް އޮތްނަމަ އެކަން ވެސް ވީހާވެސް އަވަހަށް ހައްލުކުރުމަށް ފަހު އާންމު ހާލަތަކަށް ރާއްޖެ ގެންނަން،" އަލީ ޒާހިރު ވިދާޅުވި އެެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާނުގެ ބަންދަށް އިޝާރާތްކުރައްވައި އަލީ ޒާހިރު ވިދާޅުވީ، އިމްރާން ހައްޔަރުކޮށްފައި ވަނީ، ނުހައްގުން ކަމަށެވެ. އެހެންކަމުން އިމްރާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތު ބާތިލުކޮށް، ބަންދުގެ މުއްދަތު އުވާލަން ގޮވާލައްވާ ކަމަށެވެ.
"ނުހައްގުން ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން މިނިވަން ކޮށް، ގައުމުގެ ހާލަތު ރަނގަޅުކޮށް، އިނދިކޮޅު ސިޔާސީ ވާދަވެރިކަން އޭގެ އެންމެ ރަނގަޅު ގޮތުގައި އޮންނާނެ ފަދަ މާހައުލެއް ސަރުކާރުން ގާއިމް ކޮށްދިނުމަށް ގޮވާލަން،" އަލީ ޒާހިރު ވިދާޅުވި އެެވެ.