ޓޫރިޒަމް ރިއަލް އެސްޓޭޓް

ރިއަލް އެސްޓޭޓް ޓޫރިޒަމް ވިލާ ވިއްކޭނީ ހިންގާތާ 10 އަހަރު ފަހުން

ޓޫރިޒަމް ރިއަލް އެސްޓޭޓުގެ ދަށުން ތަރައްގީ ކުރާ ވިލާތައް އެހެން ފަރާތްތަކަށް ދިގު މުއްދަތަކަށް ވިއްކާލެވޭނީ އެތަނެއް ހިންގާތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅައި، ގަވައިދު ނެރެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް، އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމް ފަށަން މަގުފަހިކޮށްދީފަ އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ރިއަލް އެސްޓޭޓުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި ތަކަށެވެ. އެގޮތުން ދިގު މުއްދަތަށް "ސްޓްރާޓާ އުސޫލުން" ކުއްޔަށް ދީފައިވާ ތަނެއްގައި ތަރައްގީ ކުރާ އެޕާޓްމަންޓާއި ވިލާ ނުވަތަ ކޮޓަރީ ހެދޭނީ އެ ރަށެއްގެ 50 ޕަސެންޓުގަ އެވެ.

މި ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ ނުވަތަ ކުއްޔަށް ދެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގަން ފަށާތާ 10 އަހަރު ފަހުންނެވެ. އަދި އެފަދަ މުއާލާތެއް ހިންގާނަމަ އެ ތަނެއްގެ 75 ޕަސެންޓް މަސައްކަތް ނިމިފައި ހުރުން ލާޒިމް ކުރެ އެވެ.

މި ގަވައިދު ހެދުމާއެކު "އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓު"ގެ ދަފުތަރެއް އެކުލަވާލަން ޖެހެ އެވެ. އަދި މި ގަވައިދުގައިވާ ގޮތުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ވިޔަފާރިއެއް ހިންގޭނީ އެ ވިޔަފާރިއެއް ހިންގުމަށް ގިންތިކޮށްފައިވާ ބިންތަކުގައި އެކަންޏެވެ. އަދި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރާ ބިންތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ގަވައިދުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށާއި ފަޅު ނުވަތަ ބިން ކުއްޔަށް ދެވޭނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ފެށޭނެ

މި ބަދަލާއެކު މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ޖެހެނީ ޓޫރިޒަމް މިނިސްޓްރީއާއި ކައުންސިލް ގުޅިގެންނެވެ.

މި ފަދަ ރަށްރަށުގައި ގާއިމު ކުރާ އިންޓަގްރޭޑެޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރާ ޑިވެލޮޕަރު ނުވަތަ ސަބްލީސްގެ ޒިންމާ އެކެވެ. ނަމަވެސް ރިޒޯޓު ތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެ ރަށެއްގައި ގާއިމުކޮށްފައިވާ އާންމު ހިދުމަތްތަކުގެ ތެރެއިން ފޯރުކޮށްދިނުމަކަށް ހުރަހެއް ނާޅަ އެވެ.

މި ގަވައިދާ ހިލާފު ވެއްޖެނަމަ އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޓޫރިޒަމް މިިނިސްޓްރީއަށް ދީފައިވެ އެވެ. އަދި ޓޫރިޒަމް ހިދުމަތް ދިނުމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ދޭ ހިދުމަތެއްގެ ފެންވަރު ދަށްވެއްޖެނަމަ އެ ހިދުމަތެއް ފޯރުކޮށްދޭ ޓޫރިޒަމް ވަކި ވިޔަފާރިއެއް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ސަބަބުން ނުހެދި ހުރި ރިސޯޓުތައް ހަދަން ބޮޑު ފުރުސަތަކަަށް ވެގެންދާނެ އެވެ. ރާއްޖޭގައި 85 ޕްރޮޕަޓީއެއް ނުހެދި އެބައޮތެވެ. މީގެތެރޭގައި 23 ފަޅުވެސް ހިމެނެ އެވެ.