އެކިއެކި ކަންކަމުގައި ޖޫރިމަނާ ކޮށްގެން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ މިދިޔަ އަހަރަށް ވުރެ 42 ޕަސެންޓް އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ރުފިޔާ ދައުލަތަށް ހޯދާފައި ވެއެވެ. މި އަދަދަކީ މިދިޔަ އަހަރު ލިބުނު 52 މިލިއަން ރުފިޔާއާ އަޅާބަލާއިރު 42 ޕަސެންޓުގެ އިތުރު ވުމެކެވެ. ޖުމްލަ އާމްދަނީގެ 1.6 ޕަސެންޓް ހިއްސާ ވަނީ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހު އެކަނި ޖޫރިމަނާގެ ގޮތުގައި 57 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު 4.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑުތަން އިތުރު ވުމެކެވެ. އަދި މިދިޔަ މަހު ޑޮލަރުން ޖޫރިމަނާގެ ގޮތުގައި 3.1 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބޭ އާމްދަނީ ބޮޑުތަނުން މަތިވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ އެކި ފިޔަވަޅުތައް މުގުރާލާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއް ދަނީ ކުރަމުންނެވެ. އަދި އާއްމުންގެ އެންމެ ބޮޑަށް ކަންބޮޑުވާ ސްޓިކާ ޖަހައިގެން ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރެވެ.