ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ ދައުލަތުން ހޭދަ ކުރި އަދަދު ދެ ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.
ކޮވިޑް-19 ގެ ހޭދަ މަތިވެ، ސަރުކާރުގެ ހަރަދު އިންތިހާ އަށް ގޮސްފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ ހަފުތާގެ މާލީ ރިޕޯޓްގައިވާ ގޮތުން މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާގެ އިތުރު ވުމެކެވެ.
މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި ވަނީ 21 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނީ 6.3 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ލިބިފައި ވަނީ 6.8 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަކީ 5.4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ހިލޭ އެހީއަށް ލިބިފައިވަނީ 69 މިލިއަން ރުފިޔާ އެވެ.
ހަރަދު ބޮޑު ސަރުކާރު ހިންގަން މިހާތަނަށް 34 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. މިހާތަނަށް 9.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހޭދަ އުޅެނީ 9.8 ބިލިއަން ރުފިޔާގަ އެވެ. މިހާތަނަށް މުސާރަ ދޭން 3.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މުސާރައިގެ ހޭދަ އުޅެނީ 3.3 ބިލިއަން ރުފިޔާގަ އެވެ.