ކޮވިޑް-19 އިގެ ބަލި ޖެހޭ މީހުންގެ ނަމްބަރުތައް މިހާރު އަޅާ ފިޔަވަޅުތަކުން ދަށްކޮށް، ޓޫރިޒަމްގެ މި އަހަރުގެ ޓާގެޓަށް ވާސިިލްވުމުގެ އުންމީދު އަދި ވެސް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މި އަހަރުގެ ލޯސީޒަންގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ރަނގަޅުވާނެ ކަމަށް ކުރިން އުންމީދު ވަރަށް ބޮޑަށް އުންމީދު ކުރެވުނު ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑުގެ ވަރުގަދަ ރާޅެއް އުފެދި، އަދި އިންޑިއާ އިން ޓޫރިސްޓުން އައުން ހުއްޓާލަން ޖެހި ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"މިހާރު ކޮވިޑުގެ ނަމްބަރުތައް މަތިވިނަމަވެސް ނަމްބަރުތައް ދަށްކޮށް ވެކްސިން ރޯލްއަޓުން ކޮށް ޓާގެޓަށް ވާސިލްވުމުގެ އުންމީދު އެބައޮތް. މިހާރުވެސް ޓޫރިޒަމް އިންޑަސްޓްރީގެ 90 ޕަސެންޓް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަ. އެހެންވެ މިއީ ލިބިގެންދާ އުންމީދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ހީނަރުވެފައި ވަނިކޮށް މާލޭގައި ދިން ޓެރެރިސްޓް ހަމަލާގެ ސަބަބުން ވެސް އިތުރު ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ރައީސް ނަޝީދުއަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާގެ ސަބަބުން ރާއްޖެއަކީ ސޭފް މަންޒިލެއްގެ ގޮތުގައި ދައްކަން ކުރަމުން ދިޔަ މަސައްކަތްތަކަށް އިތުރު ޗެލެންޖެއް މި ކުރިމަތިވީ. ކުރިން ކޮންމެ ދެ ދުވަހަކު އިނގިރޭސިވިލާތުން ބްރިޓިޝް އެއާވޭސް އެބައާދެ. އެކަމަކު މިހާރު އެ މާކެޓުން ވެސް ޗެލެންޖަސް ތަކެއް އެބަހުރި. މިއީ ވެސް ގޮންޖެހުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާލަތުގައި މަސައްކަތް ކުރަމުން ގެންދާ ސިއްހީ ދާއިރާގެ ބޭފުޅުންނާއި ސިފައިންނާއި ފުލުހުން އަދި ޓޫރިޒަމް އިންޑަސްޓްރީއާއި ޕްރަންޓް ލައިންގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމުން ޓާކެޓެއް ކަނޑައަޅާފަ އެވެ.