ފިތުރު އީދުގެ ޗުއްޓީ ރާއްޖޭގައި ހޭދަ ކުރަން އަރަބި ގިނަ އަދަދެއްގެ މަހުޖަނުން ރާއްޖެ އަންނަން ފަށައިފި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މީދެ ދެ ދުވަސް ކުރިން ފެށިގެން މެދުއިރު މަތި ނިސްބަތްވާ، ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައި ހިމެނޭ ގިނަ ގައުމުތަކުގެ މަހުޖަނުން ވަނީ ރާއްޖެ އަންނަން ފަށާފަ އެވެ. މިގޮތުން މާލެ އަތޮޅުގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގައި ވެސް ގަލްފުގެ މަހުޖަނުން ތިބޭނެ އެވެ.
އަރަބި ގިނަ މަހުޖަނުން ރާއްޖެ އަންނަނީ އެ މީހުންގެ ޕްރައިވެޓް ޖެޓުގަ އެވެ. ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތައް އާއްމުކޮށް ޖައްސަނީ ވީއައިއޭ އާއި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
ރާއްޖެ އަންނަ ގިނަ ޖެޓުތަކަށް ހިދުމަތްދޭ ސްކައި ޓްއާސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މިހާރު ވެސް ގިނަ އަދަދެއްގެ ޖެޓުތައް ރާއްޖެ އައިސްފައިވާ ކަމަށާއި އަންނަ މީހުންގެ ބޮޑު ބަޔަކީ އަރަބި މަހުޖަނުން ކަމަށެވެ.
"އާއިލާތައް އެކޮށް މި އަންނަނީ. ގިނައިން މި އަންނަނީ އަރަބިން މި އަހަރުގެ އީދު ފާހަގަ ކުރަން،" ނާޒިމް ވިދާޅުވި އެވެ.
ރާއްޖެ އަށް ހައި ޕްރޮފައިލް ބޭފުޅުން ގެންނަ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވީ މިހާރުވެސް މެދުއިރުމަތީގެ ހައި ޕްރޮފައިލް ދެ އާއިލާއެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ގެންދަވަ އެވެ. އަދި އެފަދަ ފަރާތްތައް އެވްރެޖު ގޮތެއްގައި ހަ ދުވަހާއި 14 ދުވަހު ރާއްޖޭގައި ތިބެ އެވެ.
ރާއްޖެއަކީ އީދު ފާހަގަ ކުރަން އަންނަ މަހުޖަނުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ ގިނަ މަންޒިލްތައް ބަންދު ކުރުމާއެކު މި އަހަރު މެދުއިރުމަތިން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސްފައިވެ އެވެ.