ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ބިދޭސީ އަކު މަރާލި ބިދޭސީއަކަށް ދައުވާކޮށްފި

މަހަށް ދާން ނިކުމެ އެން ދަމަން އޮތް ދ. މީދޫ ޖިހާދު ދޯނީގައި ހުރި ބިދޭސީ އަކަށް ހަމަލާދީ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީ މީހާ އަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

ޖިހާދު ދޯނީގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހަކު ހިންގި މާރާމާރީގައި އެކަކުގެ ގަޔަށް ވަޅިހަރައި ޒަހަމްކޮށްލީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. ބިދޭސީ މީހާ މަރުވެފައި ވަނީ ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ 42 އަހަރުގެ މުހައްމަދު މަސްއޫދުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވަނީ މާރާމާރީ ހިންގާފައި ވަނީ އެރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. ބިދޭސީ މީހާ މަރުވީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެމީހުންގެ މެދުގައި މާރާމާރީ ހިންގި ސަބަބު ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.