ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މި އަހަރުގެ ވޭތުވެދިޔަ ފަސް މަސް ދުވަސް ތެރޭ ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 450،000 އަށްވުރެ މަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފަސް މަސް ދުވަހު ރާއްޖެއަށް 453،186 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވެއެވެ.
މި އަހަރުގެ ފަސް މަސްތެރޭ ޓޫރިސްޓުން އައިސްފައިވާ ގޮތަށް ބަލާއިރު ޖެނުއަރީ މަހު 92،103 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 173،347 މީހުންނާ އަޅާބަލާނަމަ 46.9 ޕަސެންޓް ދަށް ވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 151،552 ޓޫރިސްޓުންނާ އަޅާބަލާނަމަ 39.2 ޓޫރިސްޓުންގެ ދަށް ވުމެކެވެ. އަދި ފެބްރުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ ފެބްރުއަރީ 96،882 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 149،785 ޓޫރިސްޓުންނާ އަޅާބަލާނަމަ 35.3 ޕަސެންޓުގެ ދަށް ވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 169،582 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 42.5 ޕަސެންޓުގެ ދަށް ވުމެކެވެ.
މާޗް މަހު ރާއްޖެއަށް އައިސްފައިވަނީ 109،585 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު އައި 59،630 މީހުންނާ އަޅާ ބަލާނަމަ 32.7 ޕަސެންޓުގެ ދަށް ވުމެކެވެ. އަދި މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އައިސްފައި ވަނީ 91،200 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮފައި އޮތުމުން އެ މުއްދަތުގައި އައީ އެންމެ 13 ޓޫރިސްޓުންނެވެ. ނަމަވެސް 2019 ވަނަ އަހަރު 163،114 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ މެއި މަހު 63،416 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 2019 ވަނަ އަހަރު 99،483 ޓޫރިސްޓުން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފަސް މަހުގެ ޓޫރިސްޓު އެރައިވަލް
- ޖެނުއަރީ 92،103
- ފެބްރުއަރީ 96،882
- މާޗް 109،585
- އެޕްރީލް 91،200
- މެއި 63،416
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު އެވްރެޖުކޮށް ރާއްޖޭގެ ޑެއިލީ ޓޫރިސްޓު އެރައިވަލް އުޅެނީ 1،700 އާއި 1،300 އާ ދެމެދުގަ އެވެ. މި އަދަދަށް ޓޫރިސްޓު އެރައިވަލް ވެއްޓިފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެންނެވެ. އޭގެ ކުރީގައި ޑެއިލީ އެރައިވަލް އުޅެނީ 2،000 އިން މަތީގަ އެވެ. މި އަދަދަށް އެރައިވަލް ވެއްޓިފައިވާ ކަމަށް ބެލެވެނީ ކޮވިޑް-19 ބަލީގެ ނަމްބަރުތައް މަތިވުމުންނެވެ. އަދި ފަސް މަސް ދުވަހަށް ބަލާއިރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ނުވަ ދުވަހު މަޑުކުރެ އެވެ. މިއީ އެވްރެކޮށް ރާއްޖޭގައި ޓޫރިސްޓުން ތިބޭ 7.6 ދުވަހަށް ބަލާނަމަ އިތުރުވުމެކެވެ. މީގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސަރުކާރުން ވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ކަނޑައަޅާފަ އެވެ.