އަންބަރާ

އަންބަރާގައި ރިސޯޓެއް ހަދަން ވާވު ބޭނުމެއް ނޫން

ވ. އަންބަރާގައި ރިސޯޓެއް ތަރައްގީކޮށް، އެ ރަށް އާއްމުންނަށް ނުދެވޭ ގޮތަށް ބާއްވަން ބޭނުން ނުވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކުރިން، ސިލޯން ހޮޓެލް ކޯޕަރޭޝަން (ސީއެޗްސީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) ގުޅިގެން 100 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަން އުޅޭ ކަމަށް ވާހަކަ ދެކެވުނުއަންބަރާ މިހާރު ތަރައްގީ ކުރަމުން ގެންދަނީ ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑް ކުންފުނިންނެވެ.

އެ ކުންފުނިން ވަނީ އެ ރަށުގައި ރިސޯޓެއް ހެދުމަށްޓަކައި އީއައިއޭ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވ. އަތޮޅު ކައުންސިލާ މަޝްވަރާ ކުރަން އެދިފަ އެވެ.

ނަމަވެސް، ވ. އަތޮޅު ކައުންސިލުން ވަނީ އަންބަރާގައި ރިސޯޓެއް ހަދަން އެ އަތޮޅު ރައްޔިތުން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. ރައްޔިތުންގެ މި ޝަކުވާއާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބަދުﷲ މައުސޫމަށް އެ އަތޮޅު ކައުންސިލުން ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

"ވާއު" އަތޮޅުގެ ނަމުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަވަސް އަށް މިއަދު ވިދާޅުވީ އަންބަރާއަކީ 2004 އިން 2016 އަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އޮތް ރަށެއް ކަމަށާ، އެ ރަށަކީ އަތޮޅުގެ އެތެރެވަރީގައި އޮތް އެންމެ ރީތި އެއް ރަށް ކަމަށެވެ. އެހެންވެ އެ ރަށުގައި ރިސޯޓެއް ހަދައި ރަށުގެ ތިމާވެށި ބަދަލުކޮށް- ހަލާކުކޮށް- ފަނާކޮށްލަން އެ އަތޮޅުގެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

މި ރަށަކީ ވަރަަށް ރީތި ފަރެއް އޮތް އަދި ރީތި ކަނޑޫފަލެއް ވެސް އޮތް ރަށެއް. ގުދުރަތީ ރީތި ތިމާވެއްޓެއް އޮތް ރަށެއް. އެކަމަކު މިހާރު އެ ރަށަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައި. އެންމެ ފަހުން މިރަށުގައި ހެދި ޖެޓީއާއެކު މުޅިރަށް ވަނީ ވަރަށް ބޮޑަށް ގިރާލާފަ
ޝުޖާއު އަލީ | އަތޮޅު ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވީ އަންބަރާގައި ރިސޯޓެއް ހަދަން ހަވާލުކޮށްފައިވާ ކުންފުނިން އީއައިއޭ އަށް މަޝްވަރާ ކުރަން އެދިފައިވާއިރު، މިހާރު އިތުރަށް ކުރާނެ މަޝްވަރާއެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"މި ރަށުގައި އޮންނަނީ ވަރަށް ހެލްތީ ކުޅިއެއް އެ ކުޅިއަށް ވެލިއަޅަން ވެސް އެވަނީ ފަށާފަ. އެހެންވީމަ ތިމާވެއްޓަށް ގެއްލުންވެސް ވަނީ ލިބެން ފަށާފަ،" ޝުޖާއު ވިދާޅުވި އެވެ.

ރިސޯޓެއް ތަރައްގީ ކުރަން މަސައްކަތް ކުރާ ވ. އަންބަރާ

އޭނާ ވިދާޅުވީ ރާއްޖޭގެ އެހެން ހިސާބުތަކުގެ ގެސްޓްހައުސްތަކާ ހިލާފަށް ވާވުގައި ހިންގާ ގެސްޓްހައުސް ތަކުން ބޮޑު އާމްދަނީއެއް ހޯދާ ކަމަށެވެ.

"މި އަތޮޅު ރިސޯޓުތަކަށް ވުރެ ރަނގަޅު އާމްދަނީއެއް ގެސްޓްހައުސްތަކުން ހޯދާ. ނުރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފަހުން ވެސް 4،000 ޓޫރިސްޓުން ގެސްޓްހައުސްތަކަށް އައި. އެހެންވެ އާއްމުންނާއި ގެސްޓްހައުސްތަކުން ޕިކްނިކް ހަދަން ގޮސްލާނެ ރަށެއް ވަރަށް މުހިންމު. އެހެންވެގެންނާ ވެސް އެއްކޮށް އެ ރަށް މުހިއްމު ވަނީ،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަަރަށް ވ. އަތޮޅު ކައުންސިލުން ފޮނުވި ސިޓީއާ ބެހޭ ގޮތުން، އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން އަވަސް އަށް މިއަދު ވިދާޅުވީ އާއްމުން ބޭނުންކުރަން ޕިކްނިކް އައިލެންޑެއް ނެތުމަކީ ގިނަ އަތޮޅުތަކެއްގެ ރައްޔިތުންގެ ޝަކުވާއެއް ކަމަށެވެ. މި ޝަކުވާ އެންމެ ގިނައިން ލިބެނީ އަރިއަތޮޅާއި ވ. އަތޮޅުން ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ އެ ޝަކުވާތައް އަޑުއަހާ ސަރުކާރުން އެކަން ހައްލުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.

ވ. އަތޮޅުގައި މީހުން ދިރިއުޅެނީ ފަސް ރަށުގަ އެވެ. އަދި މި އަތޮޅުގައި ފަސް ރިސޯޓެއް މިހާރު ހިންގާއިރު ރިސޯޓު ތަރައްގީކުރަން އިތުރު ތިން ރަށެއް ދީފައިވެ އެވެ. ވ. އަތޮޅުގައި ފަޅުރަށާއެކު ޖުމްލަ 19 ރަށް އޮވެ އެވެ. މި އަތޮޅުގެ ގެސްޓްހައުސްތަކުގައި ހާހެއްހާ އެނދު ހުރެ އެވެ. އެންމެ ގިނައިން ބެޑްހުރީ ތިނަދޫގައި އެވެ.