އެމެރިކާ ޑޮލަރު

ޑޮލަރުގެ ކަޅު ބާޒާރަށް އެމްއެމްއޭއިން އަޅާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ދީފި

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކަށް ސަރުކާރުން ރުހުން ދީފި އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެކްސްޗޭންޖު މާކެޓުގާއި މިހާރު އޮތް ރެޖިއުލޭޓްރީ ފްރޭމްވޯކަށް އިސްލާހު ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އެކަމުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެވި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ވެސް ދީފައިވާ ކަމަށެވެ.

"މި މައުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭރުގެ ޕާޓީތަކާ މަޝްވަރާ ކުރެވި ވަނީ އިތުރަށް ފައިންޓިއުން ކުރެވިފަ،" އިމާދު ވިދާޅުވި އެވެ.

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ނުދީ އޭނާ ވިދާޅުވީ އެކްސްޗޭންޖު ރޭޓުގެ މަސައްކަތުގައި މިމަހު ކުރާ މަސައްކަތްތަކުގެ ތެރޭގައި މި ބަދަލުގެ ސަބަބުން ވިޔަފާރި ވިޔަފާރިވެރިންނަށް އަންނާނެ ބަދަލުތަކާމެދު މަޝްވަރާ ކުރުންވެސް ހިމެނޭ ކަމަށެވެ. މި ބަދަލުގެ ސަބަބުން އާއްމުންނާއި ވިޔަފާރިތަކާއިި މުޅިރާއްޖެ އަށް ބަދަލު ތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުގެ ސަބަބުން ބިޒްނަސް ކޮމިއުނީޓީ އަށް އަންނާނެ ބަދަލުތަކާ މަޝްވަރާ ބައްދަލުވުންތައް މި ހަފުތާ އިން ފެށިގެން ކުރިއަށް ދާނެ. މި ބަދަލުތައް ހިއްސާ ކުރަން އަޅުގަނޑުމެންގެ ޕްލޭން ތަކެއް އެބަހުރި. މި މައުލޫމާތު ހުރިހާ ލެވަލްއެއްގައި މައުލޫމާތު ދިނުން ކުރިއަށްދާނެ،" އިމާދު ވިދާޅުވި އެވެ.

އިގްތިސޯދު ދަށްވާ ކޮންމެ ވަގުތެއްގައި ޑޮލަރުގެ ކަޅުބާޒާރު މައްސަލަ ބޮޑުވެ އެވެ. ނަމަވެސް މިކަމަށް މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ. ޑޮލަރުގެ ކަޅުބާޒާރުގެ ހަރަކާތްތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ބޮޑުތަނުން ގޯސްވެފަ އެވެ. މިގޮތުން ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ކުރުވާ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މިކަން ވަނީ ފެށިފަ އެވެ. މި މައްސަލަ އެންމެ ބޮޑަށް އާއްމުންނާއި ސަރުކާރުގެ ސަމާލުކަމަށް އައީ އަވަސް އިންވެސްޓިގޭޓްސް އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެންނެވެ.