އެމްއެމްއޭ

ރާއްޖޭގެ ރޭޓިން ދަށްވުމަކީ ކަންބޮޑުވުން އޮތްކަމެއް: އެމްއެމްއޭ

ރާއްޖޭގެ ސޮވެރިން ކްރެޓިޑް ރޭޓިން ދަށް ވަމުން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖެ ރޭޓް ކޮށްފައިވާ މޫޑީސް އާއި ފިޗުގެ ރޭޓިން ދަށްކޮށްފައި ވަނިކޮށް، އެމްއެމްއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރޭޓިން ދަށްވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

"ރޭޓިން ދަށްވީމަ އިންސްޓިއުޝަނަލް އިންވެސްޓާސް ކޮންމެވެސް ވަރަށް ޖެހިލުން ވާނެ. ބައެއް އިންސްޓިއުޝަނަލް އިންވެސްޓާގެ ޕޯޓްފޯލިއޯ މެނޭޖުކުރާ ގޮތުން ޕޯޓްފޯލިއޯގެ ވަކި ގްރޭޑެއްގެ އިންވެސްޓާސް ނަގާ ކަމަށް ވަންޏާ އޭގެތެރޭގައި ރާއްޖެ ނުހިމެނޭ،" އަލީ ވިދާޅުވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ ޖެނެރަލް ރޭޓިން ދޭއިރު ގިނަ ފަަހަރު ހުރިހާ ކަމަށް [ޕޮލިޓިކަލް ލޭންޑް ސްކޭޕް] އަށް ވެސް ބަލާނެ ކަމަށެވެ.

"އެ ބޭޅުން [ރޭޓިން އެޖެންސީ] ތަކަށް އެބަފެނޭ ފިއުޗާގައި ރިބައުންޑެއް [އިކޮނޮމީ ރަނގަޅުވާތަން] އަންނަތަން ވެސް. ޓޫރިޒަމް ރިލަޔަންޓް ގައުމުތަކާ ބަލާއިރު ރާއްޖެއަކީ ފުރަތަމަ ލީޑް ކުރި ގައުމު. އެހެންވެ އެއީ ޕޮޒިޓިވް ފިއުޗާއެއް ކަމަށް ބަލާފަ އަޅުގަނޑުމެން ކުރިއަށް ދަނީ. އެހެންވެ ޓާގެޓެޑް އިންވެސްޓާސް އަށް މިއީކީ މައްސަލައެއް ނޫން އިކޮނޮމީ ރިކަވަރީ އިތުރު ޝޮކެއް ނެތްނަމަ،" ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި އެވެ.

ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ރާއްޖޭގެ ރޭޓިން ހަދާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ރާއްޖެ މިހާތަނަށް ރޭޓް ކޮށްފައި ވަނީ [މޫޑީސް އާއި ފިޗުންނެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ދިމާކޮށް ރާއްޖޭގެ ދަރަނި މަތިވުމާއި އިގްތިސޯދަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން މޫޑީސް އިން ދަނީ ރާއްޖޭގެ ރޭޓިން ދަށް ކުރަމުންނެވެ.

މޫޑީސް އިން އެންމެ ފަހުން މިދިޔަ އަހަރު ކުރި ރިވިއުގައި ރާއްޖެ އަށް ދީފައި ވަނީ "ބީ3"ގެ ރޭޓިން އެކެވެ. ނަމަވެސް މި ފަހަރު ރޭޓިން ކޮށްފައި ވާއިރު ރާއްޖެ ވަނީ "ސީއޭއޭ1" އަށް ދަށް ކޮށްފަ އެވެ. މި ރޭޓިންގެ މާނައަކީ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާ ކުރުމުގައި ދަތިތައް ކުރިމަތި ވެދާނެ އެވެ. އަދި މިރޭޓިން ދެނީ ދަރަނީގެ ހާލަތު ދެމިގެންދާ ފަދަ ހާލަތެއް އޮތް ކަމަށް ބަލާފަ އެވެ.

މި ރޭޓިންއާ ބެހޭ ގޮތުން ސަރުކާރުން ވަނީ ފާޑު ކިޔާފަ އެވެ. މީގެ އިތުރުން ފިޗުގެ ރޭޓިން ވެސް މިދިޔަ އަހަރު ވަނީ ދަށްކޮށްފަ އެވެ. އަދި އެ ރޭޓިން ދިން ގޮތާމެދު ވެސް ސަރުކާރުން ފާޑު ކިޔާފައި ވެއެވެ.