މަރު

ޗުއްޓީ ދަތުރު ފެށުމާއެކު ބޮޑު ހިތާމައެއް

Oct 16, 2021
2

މާލެ އިން ވ އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗުގައި މ. ގްރީން ޕީކު، މަރިޔަމް ނާހިދާއާ އޭނާގެ ކުޑަކުޑަ އާއިލާ ތިބީ ވ. ފުލިދޫއަށް ޗުއްޓީ ހޭދަކުރުމަށް ދާށެވެ. އެއީ އޭނާ އާއި ފިރިމީހާގެ އުފަން ރަށެވެ. މި ދަތުރަކީ ސުކޫލު ބަންދު ފެށުމާއެކު ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުންމީދުގައި ފެށި ދަތުރެކެވެ. ނަމަވެސް މޫސުން ގޯސްވެފައިވަނިކޮށް ފެށި ދަތުރު ނިމުނީ ކ އަތޮޅާއި ހަމައިން އެހާމެ ފުން ހިތާމައެއް ގެނުވަމުންނެވެ.

ކަނޑުގަދަ ކަމުން އަދި ގަދަ ވައިގެ ސަބަބުން އެއް ގޮތަކަށްވެސް ދަތުރުކުރެވޭ ގޮތް ނުވުމުން ކ. އަތޮޅުގެ ރަށަކަށް ލޯންޗު ބަނދަރު ކުރުމަށް ނިންމާ ދަތުރުގެ މަންޒިލް ބަދަލުކޮށްލީ ގުރައިދޫއަށެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލޯންޗަށް ބިންދާލި ވަރުގަދަ ރާޅާއެކު ތިން މީހަކު ކަނޑަށް ދަމައިގަތެވެ.

އޭގެ ތެރޭގައި ނާހިދާ އާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ހިމެނެއެވެ. ލޯންޗުގައި ހުރި ނާހިދާގެ ފިރިމީހާ ވަގުތުން ކަނޑަށް ފުންމާލީ އޭނާގެ ލޯބިވާ ދަރިފުޅާއި އަންހެނުން ސަލާމަތް ކުރާށެވެ. މޫދަށް ފުންމާލިއިރު ތިން މީހުންވެސް ކަނޑުމަތިން ފެންނަން ތިއްބެވެ. ނަމަވެސް ހަތަރު އަހަރުގެ ދަރިފުޅު ސަލާމަތް ނުކުރެވި އުޅެނިކޮށް ލޯމަތިން މުޅީން ގެއްލިއްޖެ އެވެ.

އޭރު ނާހިދާގެ ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. ނާހިދާ ކަނޑުން ނެގުމަށް ފަހު ފަރުވާއަށް ގުރައިދޫއަށް ގެންދިއުން ލަސްވީ އޭނާގެ ދަރިފުޅު ހޯދަން މަސައްކަތް ކުރާން ޖެހުމުންނެވެ. ނާހިދާއަށް ފަރުވާ ދިނުމަށް ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް އޭރު މާބޮޑަށްވެސް ވަގުތު ފަސްވެއްޖެ އެވެ.

"އަންހެން މީހާ ގުރައިދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ކުއްޖާ ހޯދަން އާންމުންގެ އެހީއަށް

ސިފައިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ކަނޑަށް ވެއްޓުނު ކުޑަ ފިރިހެން ކުއްޖާ ހޯދުމުގެ މަަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އާއިލާއިން ކުރަމުން ގެންދާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނުން ނޯޓިކަލް މޭލެއް ބޭރުންނެވެ.

ކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް ސިފައިންނަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

"މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ 5:10 ގައެވެ. ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ މިހާރު ދަނީ އެ ސަރަހައްދުގައި ކުއްޖާ ހޯދުމުގެ މަަސައްކަތް ކުރަމުންނެވެ،"

ކުއްޖާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ.

ސިފައިން ބުނީ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާ ކަމަށެވެ.